ޚަބަރު

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެތެރެއިން 3289 ފަރާތައް ލައިސަންސް ލިބިފައިވޭ


އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމްގެތެރެއިން 3289 މީހަކަށް ލައިސަންސް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ. ލައިސަންސް ހަފްތާގެ ގޮތުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 9600 އަށްވުރެ ގިނަ ފަރާތުން ވަނީ ޓޯކަންނަގައި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

ޒުވާނުންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފާހަގަވެފައިވަނީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައެވެ. އިކޮނޮމިކް މިނިސްޓްރީގެ ނައިބު ޢަބްދުﷲ މުޙައްމަދު ވިދާޅުވީ މި ޕްރޮގްރާމްގެތެރެއިން، މުޅިން އަލަށް ލައިސަންސް ނެގުމަށް 1842 މީހުން ބައިވެރިވިކަމަށެވެ. އަދި މީގެތެރެއިން 1571 މީހުންންނަށް ވަނީ ލައިސަންސް ލިބިފައެވެ.

ޢަބްދުﷲ މުޙައްމަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ލައިސަންސް ލިބުނު މީހުންނާ ލައިސަންސް ހަވާލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި ލައިސަންސް ހަވާލުކުރުމުގައި ވަގުތުނަގަނީ ކާޑް ޕްރިންޓް ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކާޑް ޕްރިންޓް ކުރަނީ އެންމެ މެޝިނަކުން ކަމަށާއި، ކުރިއަށް އޮތްތާގައި މެޝިން ކެޕޭސިޓީ އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޕްރިންޓް ކުރެވޭ މިންވަރަކުން ކާޑް ހަވަލުކުރަމުންދާކަމަށްވެސް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

މުޅި ޕްރޮގްރާމަށް ބަލާއިރު، ޢަމަލީ އިމްތިޙާނާހަމައިން ފެއިލްވެފައިވަނީ %15 ބައިވެރިންނެވެ.
ލައިސަންސް ޕްރޮގްރާމްގެ އެންމެ ފަހުރޭ މޫސުން ގޯސްވުމާގުޅިގެން ބައިވެރިންގެ ޢަމަލީ އިމްތިހާންވަނީ ފަސްކޮށްފައެވެ. މި ފަރާތްތަކުގެ ޢަމަލީ އިމްތިހާން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންގާރަ އާއި ބުދަ ދުވަހުގެރޭ ކަނިވާ ސަރަޙައްދުގައި އޮންނަ ޑްރަވިންގ އޭރިއާގައެވެ. އަންގާރަ އާއި ބުދަދުވަހު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޢަމަލީ އިމްތިހާނު ހެދުމަށް ފައިސާ ދައްކާފައިވާ މީހުންނަށެވެ.
މި ދެރޭ ޢަމަލީ އިމްތިހާންގައި ބައިވެރިނުވާ މީހުންނަށް އިތުރަށް ފުރުސަތު ނުދޭނެކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމަކީ އެއްދުވަހުން ލައިސަންސް ނެގޭގޮތަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން ފޯމްފުރުމާއި، ތިއަރީ ޓެސްޓް ހެދުމާއި، ޢަމަލީ އިމްތިހާންވެސް ކުރިއަށް ގެންގޮސްފައިވަނީ އެއް ސަރަޙައްދެއްގައެވެ. މި ޕްރޮގްރާމަކީ ޤަވައިދާ ޚިލާފައި ދުއްވާ ފަރާތްތައް މަދުކޮށް، ޤަވައިދުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ. މިކަމާގުޅޭ ތަފްސީލް ރޯދަމަސް ނިމުމުން ޙިއްސާ ކުރާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.