ޚަބަރު

އައިއައިޓީއެމް 2018ގެ ބެންގަލޫރ އެޑިޝަންގައި ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އިންޑިއާގައި މިއަންނަ މަހު 27 ހުން 29 ހަށް ބާއްވާ އިންޑިއާ އިންޓަނޭޝަނަލް ޓްރެވެލް މާޓް (އައިއައިޓީއެމް 2018) ބެންގަލޫރ އެޑިޝަންގައި ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)އިން ހުޅުވާލައިފިއެވެ. މަޓާޓޯއިން މައުލޫމާތު ދޭގޮތުގައި އައިއައިޓީއެމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރިޕޯޓް
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މަޓާޓޯއިން އަންނަނީ ރާއްޖެއިން ބޭރުގައި ރޯޑުޝޯވްތަކާއި ޓްރެވެލް މާޓްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން މަޓާޓޯއިން މިހާރު މިވަނީ އިންޑިއާގައި މިއަންނަ މަހު 27 ހުން 29 ހަށް ބާއްވާ އިންޑިއާ އިންޓަނޭޝަނަލް ޓްރެވެލް މާޓް (އައިއައިޓީއެމް 2018)ގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 21 ގެ ނިޔަލަށް ހުޅުވާލާފައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޓްރެވަލް މާޓްގައި ބައިވެރި ވުމަށް ރިސޯޓް، ހޮޓެލް އަދި އެއަރްލައިންނެއް ތަމްސީލުކުރާނަމަ 15 ސަތޭކަ ޑޮލަރު ދައްކަން ޖެހޭއިރު ގެސްޓް ހައުސް ތަމްސީލުކުރާނަމަ ބައިވެރިވެވޭނީ 1 ހާސް ޑޮލަރު ދައްކައިގެންކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ. އެހެންނަމަވެސް މަޓާޓޯގެ މެމްބަރުންނަށް 10 ޕަސެންޓްގެ ޑިސްކައުންޓް ރޭޓެއް ކަނޑައަޅައިފައިވާކަން މަޓާޓޯއިން ހާމަކޮއްފައިވެއެވެ. އަދި ކޮންމެ ސްޓޯލަކީ އެއް އެކްސިބިޓަރ ބެޖްލިބޭ 2 މީޓަރ 2 މީޓަރގެ ކައުންޓަރެއްކަމަށާއި، އިތުރުވާ ކޮންމެ ބައިވެރިއަކަށް 200 ޑޮލަރު އިތުރަށް ދައްކަންޖެހޭނެކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ.
މަޓާޓޯއިން މައުލޫމާތުދޭގޮތުގައި މި ފެއަރގައި ރާއްޖޭގެ ސްޓޭންޑްގައި 4 ލިމިޓެޑް ޕްރީމިއަމް ޓޭބަލްސް ހުންނާނެކަމަށާއި މި ޓޭބަލްސް ބޭނުންވާނަމަ ރެޖިސްޓްރޭޝަން ފީގެ އިތުރުން އިތުރު 1 ހާސް ޑޮލަރު ދައްކަން ޖެހޭނެކަމަށެވެ. މި ފެއާރގައި ބައިވެރިވެވަޑައިގެނަންވަން ބޭނުންފުޅުވާ ފަރާތްތަކުން މަޓާޓޯގެ ވެބްސައިޓުން ކޯ އެކްސިބިޓަރ ރެޖިސްޓްރޭޝަން ފޯމް ފުރުއްވައިގެން ބައިވެރިވެ ވަޑައިގެންނެވޭނެކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ.
1998 ވަނަ އަހަރޔ ފެށި އިންޑިއާ އިންޓަނޭޝަނަލް ޓްރެވެލް މާޓް (އައިއައިޓީއެމް)އަކީ އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވެލް އެންޑް ޓުއަރިސަމްގެ އިވެންޓްކަމުގައި ވާއިރު މި ޓްރެވަލްމާޓްގެ އިވެންޓްތަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވައެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު ފަތުރުވެރިކަމުގެ ސިޓީތަށް ކަމަށްވާ ޗަންނައި، ކޮޗިން، ދެއްލީ، ގުރްގާއު، ހައިދްރައާބާދު އަދި ކަލްކަތާ ފަދަ ސިޓީތަކުގައި މި ފެއަރ މިހާތަނަށް ބާއްވާފައިވެއެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމުކަމުގައި ވާއިރު މިފަދަ ފެއަރ ތަކުގެ ސަބަބުން މި އަދަދު އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެގެންދާނެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެ ދިޔަ ހަތަރުމަހުގައި އިންޑިއާއި ޖުމްލަ 25,023 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔައަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 11.1 އިންސައްތައިގެ ކުރިއެރުމެކެވެ.
*****