ޚަބަރު

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ ޙިއްޞާދާރުންނަށް ބަހާނީ


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ 2017 ވަނަ އަހަރުގެ ފައިދާ މާދަމާ ޙިއްސާދާރުންނަށް ބަހާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެސްޓީއޯއިން ބުނީ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ އަހަރު ކުންފުނީގެ ފައިދާގެ ތެރެއިން ޙިއްޞާދާރުންނަށް ޙިއްޞާއަކަށް 55 ރުފިޔާ ބެހުމަށް ފާސްކޮށްފައިވާތީ 2018 ޖޫން 10 ވަނަ ދުވަހުން ފެށިގެން މި ފައިސާ އެ ކުންފުނީގެ މައި އޮފީހުން ދޫކުރާނެކަމަށެވެ.

ޙިއްޞާގެ ފައިދާ ބޭންކު އެކައުންޓަށް ޖަމާކުރުމަށް މިހާރު ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މާދަމާ ގެ ނިޔަލަށް އެ ފައިސާ ޖަމާކޮށްދޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ޙިއްޞާގެ ފައިދާ ހޯދަން ދާއިރު އައިޑީކާޑުގެ ކޮޕީ ނުވަތަ ޙިއްޞާގެ ސެޓްފިކެޓް ގެންނަންވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީއަކާއިއެކު ޙިއްޞާދާރު ސޮއިކޮށްފައިވާ ސިޓީއެއް ހުށައަޅަންވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ޙިއްޞާދާރުގެ އައިޑީކާޑު ނުވަތަ ޙިއްޞާގެ ސެޓްފިކެޓްގެ ކޮޕީއެއްވެސް ހުށައަޅަންވާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ބޭންކް އެކައުންޓަށް އަލަށް ޖަމާކުރަން ބޭނުންވާ ފަރާތްތަކަށް "ބޭންކްއަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމް" ފުރުމަށްފަހު ކުންފުންޏަށް ހުށައެޅުމުން އެކަން ހަމަޖެހޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 287 މިލިޔަން ރުފިޔާ ލިބުނު އިރު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 211 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.