ޚަބަރު

ގދ. ހޯނޑެއްދޫގަ އިރިގޭޝަން ނިޒާމެއް ޤާއިމުކުރަނީ


މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި ގދ. ހޯނޑެއްދޫ ކައުންސިލާ ގުޅިގެން އެރަށުގައި އިރިގޭޝަން ނިޒާމެއް ޤާއިމުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ޕްރޮގުރާމުގެ ދަށުން ފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކޮށް، މިކަމަށް ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ކައުންސިލާއި ޙަވާލުކޮށްގެން ޕްރޮގްރާމް ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު، ކައުންސިލާއި ޙަވާލުކުރާ ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގުރާމު ކުރިޔަށްގެންދެވޭނޭ އިންތިޒާމު ހަމަޖައްސާނެކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ނަން ނޯޓްކުރާ ފަރާތްތަކުގެ ތެރެއިން 15 ފަރާތެއް ޝޯޓްލިސްޓް ކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުޠުތަށް ފުރިހަމަވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިމަޝްރޫއަށް ޝޯޓްލިސްޓް ކުރެވޭ 15 ފަރާތުގެ ތެރެއިން 10 ފަރާތަކަށް ފެންދޭ ނިޒާމު ޙަވާލުކޮށްގެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާކަމަށް މިނިސްޓްރީން ބުނެއެވެ.
ހޯނޑެއްދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން މިޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 13 ޖޫން 2018 ގެ މެންދުރު ދޭއް ޖެހުމުގެ ކުރިން "ފެންދޭ ނިޒާމް ޤާއިމުކޮށްދިނުމަށް އެދި" ހުށަހަޅާ ފޯމް މިނިސްޓްރީއަށް ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.