ޚަބަރު

ދުނިޔޭގެ ސުލްޙައަށް ވަކާލާތުކުރުމަށް ކުދި ޤައުމުތަކަށް ފުރުޞަަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް- ދިވެހި ސަރުކާރު


ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް ވަކާލާތުކުރަން، ކުދި ޤައުމުތަކަށް ފުރުޞަަތު ނުލިބުމަކީ ރާއްޖޭން ހިތާމަކުރާ ކަމެއްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

އދގެ ސަލާމަތީ މަޖިލީހަށް 5 މެންބަރުން އައްޔަން ކުރުމަށް ނެގި ވޯޓާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އ.ދ. ގެ 72 އަހަރުވީ ދިގު ތާރީޙުގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހަށް އިންތިޙާބު ވެފައިވަނީ، ކުދި އަދި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ 8 ޤައުމު ކަމަށެވެ. އެހެންކަމުން ޤައުމުގެ ކުޑަބޮޑު މިނަށް ނުބަލައި، އެ ޤައުމަކުން ދުނިޔޭގެ ސުލަޙައާއި ސަލާމަތަށް ކޮށްފައިވާ އަގުހުރި މަސައްކަތްތައް ވަޒަންކޮށް، އ.ދ. ގެ ހުރިހާ މެމްބަރު ޤައުމަކަށްވެސް ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް، ފަހިވެގެންދާނެފަދަ މާޙައުލެއް، މުސްތަޤްބަލުގައި ޤާއިމުވެފައި އޮންނާނެ ކަމަށް ރާއްޖެއިން އުއްމީދު ކުރާ ކަމަށެވެ.

އަދި މިއަދު ނެގުނު ވޯޓުގެ ނަތީޖާއަކީ، އ.ދ ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރުމަށް އެހެން ކުދި ޤައުމުތަކުން ފަސްޖެހޭނެ ސަބަބަކަށް ނުވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖެއާއި ރާއްޖެފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ދެކޮޅަށް ވަކާލާތު ކުރުމުގައި، ރާއްޖޭން އިސްދައުރެއް އަދާކުރަމުން ގެންދާނެކަމަށާ، އައު ޙިޔާލުތަކާއި އީޖާދުތަކާއި އެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި އިތުރަށް ގުޅުން ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދު އ.ދގެ އާއްމު މަޖިލީހުގައި ނެގުނު ވޯޓުގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުގެ ގޮނޑި، 2019-2020 އަށް، ކާމިޔާބު ނުކުރެވުނު ކަމުގައިވިޔަސް، މުހިއްމު މައްސަލަތަކުގައި އަޑުއުފުލާ އަދި ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި، ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުން ވަނީ، ރާއްޖެއާއި ވާދަކޮށް، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރި އިންޑޮނޭޝިއާއަށް މަރުޙަބާ ކިޔާފައެވެ. އަދި އިންޑޮނޭޝިއާއާއި، އ.ދ. ގެ ސަލާމަތީ މަޖިލީހަށް އަލަށް އިންތިޙާބުވި ޤައުމުތަކާއެކު ބައިނަލްއަޤްވާމީ މައްސަލަތަކަށް ވަކާލާތު ކުރުމުގައި، ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.