ޚަބަރު

މިއަހަރުގެ ރިޔާސީ އިންތިޚާބު ވާނީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވައިލައިގެން ބާއްވާ އިންތިޚާބަށް - އީސީ


ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލެވިގެން ބާއްވާ ރިޔާސީ އިންތިޚާބަށް ވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚު އިޢުލާންކުރުމަށް ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބު ކަވަރކޮށް އޮބްޒާރވް ކުރުމަށް ބައިނަލްއަޤުވާމީ އެކި ޖަމްޢިއްޔާތަކަށް ދަޢުވަތު ދޭނެކަމަށެވެ.
އެގޮތުން 8 ޤައުމެއްގެ އިންތިޚާބުތަކާބެހޭ އިދާރާއަށް ރިޔާސީ އިންތިޚާބު އޮބްޒާރވް ކުރުމަށް ދަޢުވަތު ދޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އިންތިޚާބު ކަވަރކުރަން ބޭނުންވާ ބައިނަލްއަޤުވާމީ މީޑިއާއަށް އެފުރުޞަތު ހުޅުވާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"
"ޢާންމުކޮށް ހުރިހާ ފަރާތްތަކަށްވެސް އިންތިޚާބު އޮބްޒާރވް ކުރުމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވާލާނަން. އެއާ އެކީގައި އަޅުގަނޑުމެން ޚާއްޞަ ދައުވަތު ދޭނަން އިންތިޚާބާބެހޭ ދުނިޔޭގެ ޤައުމުތަކުގެ ބައެއް މަރުކަޒުތަކަށް. އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންވެސް ހިމެނޭ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނީ ޤާނޫނީ އިމުގެ ތެރެއިން ކަމާއި، ޤާނުނާ ޚިލާފަށް އެއްވެސް ކަމެއް އެކޮމިޝަނުން ނުކުރާނެކަމުގެ ކަށަވަރުކަން ދީފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސްފަރާތަކުން ހުރަސްއަޅައި ދަތި ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.