ޚަބަރު

އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 5 ބައިވެރިން ކަށަވަރުވެއްޖެ


ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ މަޝްހޫރު ޤުރްއާން މުބާރާތް ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 5 ބައިވެރިން ކަށަވަރުވެއްޖެއެވެ. ގްރޭންޑް ފިނާލޭއަށް ހޮވުނު 5 ބައިވެރިންނަކީ:-

1. މަރިޔަމް މަހާ މުޙައްމަދު
2. ޢަބްދުﷲ ޙަޔާން ޙަމީޒް
4. ޢަލީ ސައުދާން ޝަހީމް
5. އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު
6. މުޙައްމަދު ސާޢީ މުބާރިކް

މި މުބާރާތުން ވަކިވެފައިވަނީ މުޙައްމަދު ޝައިހާން ޢަލީ އެވެ. މުބާރާތުން ބައިވެރިން ވަކިވެގެންދަނީ ޖަޖުންގެ މާރކްސްއާއެއްކޮށެވެ. ފަސްބައިވެރިންގެ ކިޔެވުން އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ގްރޭޑް ފިނާލޭ އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ މުބާރާތެކެވެ. ރޭގެ ޝޯ ގައި ގެނެސްދީފައިވަނީ ގަދަ 5 ބައިވެރިންގެ ކިޔެވުމެވެ.

މި ޝޯގައި ބައިވެރިން ފުރަތަމަ ކިޔަވާފައިވަނީ ބަލައިގެން ކިޔެވުމުގެ ބައިން ޙަރަމްގެ އިސް އިމާމް ޢަބްދުލް ރަޙްމާން ސުދައިސް ކިޔަވާފައިވާ ރާގު ކޮޕީކޮށްގެނެވެ. ދެވަނަ ބުރުގައި ބައިވެރިން ވަނީ ހިފްޒްކޮށް ކިޔަވާފައެވެ. އަދި ތިންވަނަ ބުރުގައި ބައިވެރިން ވަނީ ޤުރުޢާންގެ އާޔަތްތައް ތަރުޖަމާއާ އެއްކޮށް ހުށައަޅާފައެވެ.

ޢުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ 1 ވަނަ އަށް ހޮވޭ ކުއްޖަކަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދެވަނައަށް 150،000 ރުފިޔާ އަދި 3 ވަނަ އަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.