ޚަބަރު

ތިނަދޫ ރައްޔިތުން: ގުރައިދޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!


"ދިވެހިންގެ އެއްބައިވަންތަކަން ، ދިވެހިންގެ ޤައުމީ ރީތިނަން
ދިވެހިންގެ ހުރި އަޚްވަންތަކަން ، މުޅިދުނިޔެއަށް ދައްކައިފިއޭ"
މަޝްހޫރު މިލައިވައިގެ ޅެމުގައި ދައްކަމުންމިދަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގެ ހިތްދަތި ވަގުތުގައި ދިވެހިން އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގައި ދައްކައިދިން ތީރި މިސާލުގެ ވާހަކައެވެ. އެހިތާމަވެރި ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން ހަޤީގަތުގައިވެސް މުޅި ދުނިޔެއަށް ދައްކުވައިދިން ދުވަހެކެވެ. އޭގެފަހުންވެސް ރާއްޖޭގެ އެކިރަށްރަށުގެ ރައްޔިތުންނަށް ދިމާވި މިފަދަ ހިތާމަވެރި ޙާދިސާތަކުގައި ދިވެހިންވަނީ މިފަދަ ރީތި މިސާލުދައްކާފައެވެ.

އެނަމާ ބޯޓް ބަންޑުންޖަހާލުމާއި، މާލެއަށް ދިމާވި ފެނުގެ ކާރިޘާފަދަ އެކި ދުވަސްވަރު ހިނގާފައިވާ އެތައް ޙާދިސާއަކުން މި އެއްބައިވަންތަކަން ވަނީ ފެނިގެންގޮސްފައެވެ.

ތ.ގުރައިދޫ ނެރުމައްޗަށް މުދަލާއެކު އުރިފައިވާ ގދ.ތިނަދޫ "ނިޔާމަ" ނަމަކަށްކިޔާ ބޯޓާއި އެބޯޓުން ދަތުރުކުރި މީހުންނަށް އެހީވުމުގައި ގުރައިދޫ ރައްޔިތުން ދައްކަމުންދާ މިސާލަކީވެސް އިސްވެ ދެންނެވިފަދަ ރީތި މިސާލެކެވެ. ބޯޓު ފުންކުރުމާއި އޭގައިހުރި މުދާ ސަލާމަތްކުރުމުގައި ގުރައިދޫ ރައްޔިތުން ދައްކުވައިދޭ ނަމޫނާއަކީ މިއަދު ސޯޝަލް މީޑިއާގެ އެންމެ "ފަލަ ސުރުޚީ"އެވެ. ރަމަޟާން މަހުގެ ދުވާލު ރޯދައަށްތިބެ ގުރައިދޫގެ ރައްޔިތުންދިޔައީ އަމިއްލަ އާޢިލީ ކަމެއްހެން މިކަމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

މިއަދު ހެނދުނު 6:00 ގައި ގުރައިދޫ ނެރުމައްޗަށް ނިޔާމަ ބޯޓު އުރުމާއެކު އެބޯޓުގެ ފަޅުވެރިންނަށް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހާ ހިސާބުން ގުރައިދޫ ރައްޔިތުން ވަނީ ސިފައިންނާއި ފުލުހުންނާ ގުޅިގެން ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ގުރައިދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިކަމުގައި ޝާމިލްވެގެން އުޅޭތީ ފެނެއެވެ.

އެއްބަޔަކު ބޯޓު ފުންކުރުމުގައި "ހޭލަމޭލަ" ވެގެން އުޅޭއިރު، ޒުވާނުންނާއި، އަންހެނުން އުޅެނީ ބޯޓުން ބާލާ މުދާ، ރައްކާތެރިކަމާއެކު އެއްގަމަށް އެރުވުމުގައެވެ. މުދާތައް ރައްކާތެރިކަމާއެކު ވަކި ސަރަޙައްދަށް ޖަމާކުރުމަށް އަންހެންވެރިން ސަފަކަށް އެތުރިލައިގެން އަތުން އަތައް މުދާތައް ފޯރުކޮށްދެމުންދާ ތަންވެސް މި ފޮޓޯތަކުން ފެނެއެވެ. ހަމަ ޔަޤީނުންވެސް މި މަންޒަރުތަކާއެކު ދިވެހިންނަށް އަނެއްކާވެސް ހަނދާންތަކެއް އާވެގެންދާނެއެވެ. ހިތުގައި ޝުއޫރުތަކެއް އުފެދިގެންދާނެއެވެ.

ދިވެހިންގެ ފަރާތުން އަބަދުވެސް ފެންނަން ބޭނުންވަނީ މިފަދަ އެއްބައިވަންތަކަން ނޫންތޯއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އެކަކު އަނެކަކަށް ހިތްވަރުދޭ މަންޒަރު ނޫންތޯއެވެ. ގދ.ތިނަދޫގެ ރައްޔިތުންނަށް ތ.ގުރައިދޫ ރައްޔިތުން މިވީ އެހީތެރިކަމަށްޓަކައި ތިނަދޫ ރައްޔިތުންތިބީ ހަމަގައިމުވެސް ޝުކުރުން ފުރިފައެވެ.