ޚަބަރު

އައްޑޫގައި ރޭ ހިނގި މާރާމާރީއެއްގައި 4 މީހަކު ހައްޔަރުކޮށްފި


ރޭ އައްޑޫސިޓީގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިމާރާމާރީ ހިގާފައިވަނީ މަރަދޫ ވެމްބޮޅަފިށި ސްޓޭޑިއަމްގައި ކުރިއަށްގެންދިޔަ ފުޓްސަލް މެޗް ބަލަން ގޮސްތިބި ގްރޫޕްތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިންކަމަށް މައުލޫމާތުލިބެއެވެ. މިމާރާމާރީގައި ބައެއް މީހުންވަނީ މަރަދޫ "ޗިލްބޭ" ރެސްޓޯރެންޓަށް ވަދެ އެތާގައި ތިބި ބަޔަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލާފައެވެ.

މަރަދޫ ވެމްބޮޅަފިށި ސްޓޭޑިއަމަށް ރޭ ފުޓްސަލް މެޗް ބަލަން ގޮސްތިބި ގްރޫޕްތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމުގެ ތެރެއިން ހިނގައިދިޔަ މާރާމާރީއާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުންވެސްވަނީ ފުލުހުންނާއި ޙިއްސާކޮށްފައެވެ.

ދެ ގްރޫޕެއްގެ މެދުގައި ހިނގި މިމާރާމާރީއާއި ގުޅިގެން ކައުންސިލުން މިއަދު ޕޮލިހާއެކު ކުރެއްވި މަޝްވަރާގައި، ޢާންމުންގެ މެދުގައި އުފެދިފައިވާ ނުތަވަސްކަން ޙައްލުކޮށް، މާރާމާރީގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްގޮތެއްގައި ކޮށްދެއްވުމަށް ކައުންސިލުންވަނީ އެދިފައެވެ. އަދި އާންމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ޙައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށްވެސް ކައުންސިލުންވަނީ އެދިފައެވެ.

ކައުންސިލާއި ޕޮލިހާއި ދެމެދު ދެކެވުނު ވާހަކަތަކުގައި މާރާމާރީއާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ޙައްލުކޮށް ޞުލްހަ މަސަލަސްކަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕޮލިހުންވަނީ ބުނެފައެވެ. އަދި ވީއެންމެ އަވަހަކަށް މައްސަލައާއި ގުޅުންހުރި ފަރާތްތައް ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިކަމަށް ކައުންސިލުން ބުނެއެވެ.

މި މާރާމާރީއާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ އިތުރަށް ތަހްޤީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.