ރިޕޯޓް

ނިހާނުގެ މައްސަލާގައި އެމްޑީޕީ މެމްބަރުން "އަރާރުން" ވަނީ


ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ހުސައިން މަނިކު ބޭސްފަރުވާއަކަށް މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން އެއަރޕޯޓުން ޗެންނާއީއަށް އެތެރެވިޔަ ނުދިން ވާހަކައަކީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުހީންނާއި ރާއްޖޭގެ ސޯޝަލް މީޑިއާގައި އެންމެ އަޑު ހަރުކޮށް ދެކެވެމުންދިޔަ ވާހަކައެވެ. ބައެއް ފަރާތްތަކުން ނިހާނާއި ސަރުކާރަށް މިކަމުގައި އަންނަނީ ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ.

ނަމަވެސް މި މައްސަލާގައި ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންދަނީ އިދިކޮޅު ޕާޓީގެ މެމްބަރުންގެ މެދުގައެވެ. އެންމެންގެ ލޯތަށް އަމާޒުވެފައި ހުރީ ނިހާނަށްވުރެވެސް ބޮޑަށް އިދިކޮޅު ޕާޓީގެ ބޭފުޅުންގެ ކޯޅުމަށޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ.

މި މައްސަލާގައި ނިހާން އޭނާގެ ޓްވީޓަރ އެކައުންޓު މެދުވެރިކޮށް ކަން ހިނގައިދިޔަ ގޮތް ބަޔާން ކުރުމުން އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިޕްލޮމެޓިކް ޕާސްޕޯޓްގައި އިންޑިއާއަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅަކަށް އިންޑިއާއަށް އެތެރެ ނުވެވޭ ވާހަކަ އަޑު އިވުމަކީ ހިތާމަވެރި ޚަބަރެއް ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވުމުންވެސް ގިނަ ބަޔަކު ހީކޮށްގެން ތިބީ ޝަރީފަށް ރައްދު ދޭން ޓްވީޓު ކުރާނީ ސަރުކާރަށް ތާޢީދު ކުރާ މީހުން ކަމަށެވެ. ނަމަވެސް ކަންވީ މުޅިން އެއާއި ޚިލާފަށެވެ. ޝަރީފަށް މިފަހަރު ބަހުގެ ހަމަލާ ދެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަޙްމަދު ޝަހީދެވެ. އޭނާ ވަނީ ޝަރީފަށް ސުވާލެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޑިޕްލޮމަޓުން ނޫން ބޭފުޅުން ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅެންޖެހޭތޯއެވެ.

ޝަހީދަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ފޮރިން މިނިސްޓަރ ކަމުގައި ޝަހީދު ހުންނެވިއިރު އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ގެންގުޅުއްވީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމަށެވެ. އަދި ޑިޕްލޮމެޓިކް ޕާސްޕޯޓަކީ މެމްބަރުން ގެންގުޅެންޖެހޭ އެއްޗެއް ނޫންކަމަށް ޝަހީދު ވިދާޅުވުމުން ޝަރީފް ވިދާޅުވީ ޝަހީދު ކިތަންމެ ނުރުހުންވެވަޑައިގަތަސް ޤާނޫނުއޮތީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށްވެސް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށްވުމުން އިންޑިއާގެ އޮފިޝަލުން ހިތުހުރި ގޮތެއް ހަދައި މިކުޑަ ޤައުމާއި މި ޤައުމުގެ ރައްޔިތުންނަށް އިޙްތިރާމްކުޑަކޮށް ޢަމަލުކުރާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަހީދާއި ޝަރީފް ވަނީ ވަރަށް ބޮޑަށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އެގޮތުން ޝަރީފް ވަނީ "ކޮސް" ނުގޮވުމަށް ޝަހީދުގެ ކިބައިން އެދިވަޑައިގެންފައެވެ.
ޝަރީފް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވުމުން އިންޑިއާގެ ނޫސްތަކުގައި ވަރަށް ހުތުރުކޮށް ރާއްޖެއާއި ބެހޭ ގޮތުން ގިނަ ފަހަރު ހަޤީގަތާޚިލާފު ވާހަކަ ގެނެސްދެމުންދާ ކަމަށެވެ. ޝަރީފް ވިދާޅުވީ ނިހާނަށް އެފަދަ ކަމެއް ދިމާވީ، ރާއްޖެ ކުޑަ ޤައުމަކަށްވެ އިންޑިއާގެ އިސް އޮފިޝަލަކާއި މެދު ފިޔަވަޅެއް އަޅަން ނުކެރޭނެކަމަށް ދެކިގެންކަމަށެވެ. އެމީހަކީ ކޮންމެ މީހަކަށް ވިޔަސް، ބަލިވެގެން ބޭހަށް ދިއުމުން ސިޔާސީ ހަސަދައެއް ފިލުވާލުމަށް އެފަދަ ހުތުރު ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ނިހާނަށް ދިމާވި މައްސަލައަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ ނިހާނަށް ކުރިމަތިވިފަދަ ކަމެއް އެހެން ޤައުމެއްގެ އެ ފެންވަރުގެ ބޭފުޅަކަށް ކުރިމަތިވިނަމަ އެ ޤައުމަކުން އިންޑިއާގެ މަތީ ފަންތީގެ ބޭފުޅަކަށްވެސް ހައްދަވާނީ ހަމަ އެހެން ކަމަށެވެ. ތަކުރާރުކޮށް ޝަރީފް ވަނީ އިންޑިއާއިން އެފަދަ ކަމެއް ކުރީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވާތީ ކަމަށް ވިދާޅުވެ މިކަމުގައި އެމްޑީޕީގެ ފިކުރާ ޚިލާފަށް އެކަމާ ފާޅުގައި ނުރުހުން ފާޅުކޮށްފައެވެ.

ނިހާން ވިދާޅުވީ އިންޑިއާގެ ޗެންނާއީއަށް އެމަނިކުފާނު އެތެރެވިޔަ ނުދިން ސަބަބެއް އެ ޤައުމުން ހާމަ ނުކުރާ ކަމަށެވެ.