ޚަބަރު

ޕްލާސްޓިކް ރީސައިކަލްކުރާ ލެބެއް ރާއްޖޭގައި ހުޅުވައިފި


ޕްލާސްޓިކް ރީސައިކަލްކުރާ ލެބެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ އިން ޤާއިމްކުރި މި ލެބް ޤައިމްކޮށްފައިވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ސައިޓުގައެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލެބް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހީމްއެވެ. އެންވައިރޮންމަންޓް މިނިސްޓްރީއާއި ވެމްކޯ އަދި ޕާލޭ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން، ދުވާލެއްގެ މައްޗަށް 100 ކިލޯއާއި 500 ކިލޯއާއި ދެމެދުގެ ޢަދަދަކަށް ޕްލާސްޓިކް ވިރުވައިގެން ސާމާނު އުފެއްދުމުގެ މަސައްކަތް ކުރާނެއެވެ.

ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އެނަވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްލާސްޓިކް ކަމަށާއި މިޤައުމުގައި ޕްލާސްޓިކް ބޭނުންކޮށްގެން ބޮޑެތި ވިޔަފާރިތައް ކުރިއަށްގެންދާއިރު އެކަމާ އެފަރާތްތަކުން ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުން މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ ސަރުކާރުން ގެންދަވަނީ ޕްލާސްޓިކް ބޭނުންކުރާ ނިސްބަތް ރާއްޖޭގައި މަދުކުރުމަށް މަސައްކަތް ކުރަމުންކަމަށާއި އެމަސައްކަތް ކާމިޔާބު ކުރެވޭނީ އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިން އެކަމަށް އެއްބާރުލުން ދީގެންކަމަށެވެ.

ރާއްޖޭގައި މުޅިން އަލަށް ޕްލާސްޓިކް ރީސައިކަލްކޮށް ދެވަނަ ފަހަރަށް ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ތަފާތު އެކި ބާވަތްތަކުގެ ސާމާނު ހެދުމަށް ޤާއިމްކޮށްފައިވާ ލެބް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާލޭގެ ފަރާތުން ވާހަކަދައްކަވަމުން ޕާލޭގެ ރާއްޖޭ ގޮފީގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހީނާ ޢަލީ ވިދާޅުވީ މި ޕްރޮޖެކްޓްގައި ޕްލާސްޓިކް އެއްކުރާ މައިގަނޑު ތަންތަނަކީ ސްކޫލްތައްކަމަށާއި މިމަސައްކަތުގައި ވެމްކޯގެ އެއްބާރުލުން ޕާލޭއަށް ލިބޭކަމަށެވެ. ބައިނަލްއަޤުވާމީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭއިން މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވެފައިވަނީ ވެރިރަށް މާލެއަށްކަމަށް ޝަހީނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ އެކި ޙަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެންވައިރޮންމަންޓް މިނިސްޓްރީއާ ގުޅިގެން އެކި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުންދަނީ އެކި ޙަރަކާތްތައް އިންތިޒާމްކޮށް ހިންގަމުންނެވެ.