ޚަބަރު

ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ ޕޮލިސީއެއް އެކުލަވާލަނީ


ޕްލާސްޓިކް ރިޑަކްޝަން ޕޮލިސީއެއް އެކުލަވާލައި އިޢުލާންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓު އެންޑް އެނާޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެއްޓާބެހޭ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓު އެންޑް އެނާޖީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓު އެންޑް އެނާޖީ، ޠާރިޤު އިބްރާހީމް ވިދާޅުވީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު، "ޕްލާސްޓިކް ޕޮލިއުޝަން" ނައްތަލުން، އެއީ ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކަށް ވަރަށް މުހިންމުކަމެއްކަމަށެވެ.

ޕްލާސްޓިކް ކުނީގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކަލަށް ޙައްލެއް ހޯދުމަށް ރާއްޖެއިން ޤައުމީ ފެންވަރުގައި ޕްލާސްޓިކް މަދުކުރުމުގެ ޕޮލިސީއެއް ވަރަށް އަވަހަށް އެކުލަވާލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިމައްސަލަ ޙައްލުކުރެވޭނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ މަސައްކަތުންކަމަށާ، މިމައްސަލަ މުޅިން ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ރާއްޖެއިން ހުއްޓާނުލައި އަޑުއުފުލުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރިއެވެ.

"ޕްލާސްޓިކް މަދުކުރުމަށް މިހާރުވެސް އަޅުގަނދުމެން މަސައްކަތްތަކެއް ކުރަމުންމިދަނީ. މިގޮތުން މިކަމާގުޅޭ ޕޮލިސީ ލެވެލް ޓޮކިއުމަންޓޭޝަނެއް ހެދުމުގެ މަސައްކަތާ، އިންޑަސްޓްރީއާ ވާހަކަދައްކާ މިޕޮލިސީ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން މިދަނީ. މާލަސްތަކެއް ނުވަނީސް ޕްލާސްޓިކް ރިޑަކްޝަން ޕޮލިސީއެއް ރާއްޖޭގައި ނެރޭނަން. ރާއްޖޭގެ އޭރިޔާއަށް ބަލާނަމަ 1 ޕަސަންޓް ލޭންޑު އޭރިޔާ، ދެން މިއޮތީ ކަނޑު. އަޅުގަނޑުމެންގެ ފަރުތަކަކީ 5 ވަނަ އަށް ދުނިޔޭގައި އެންމެ މުއްސަދި ފަރުތައް. އެހެންވީމަ އަޅުގަނޑުމެން އެކަނި ޕްލާސްޓިކް މަދުކުރިކަމުގަވިޔަސް، ދުނިޔޭގެ ފެންވަރުގައި ޕްލާސްޓިކް ޕޮލިއުޝަން ދަށްކުރުމަށް އަޅުގަނޑުމެން އަޑުނޫފުލާފިކަމަށްވާނަމަ، އަޅުގަނޑުމެންގެ އިޤްތިޞާދަށާ، ފަރުތަކާ، ގޮނޑުދޮށްތަކަށް ލިބޭ ގެއްލުން ބޮޑުވެގެންދާނެ."

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން އެންމެން އަޒުމުކަޑައަޅަންޖެހޭކަމަށެވެ. އަދި ޕްލާސްޓިކްގެ ތަކެތި ރިސައިކަލްކުރުމަށް ބާރުއެޅުމުގެ މަސައްކަތް ސަރުކާރުގެ ލެވެލްގައި ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް ޢަޒުމްކަޑައަޅާފައިވާ ޤައުމެއްކަން ބައިނަލްއަޤްވާމީ މައިދާނުގައި ދައްކަންޖެހޭކަމަށެވެ.