ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޖުނައިދު އައްޔަންކޮށްފި


ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މުޙައްމަދު ޖުނައިދު، ރައީސުލްޖުލްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިއަދު އައްޔަން ކުރައްވައިފިއެވެ.

ކަސްޓަމްސްގެ ވެރިއަކަށް ޖުނައިދު އައްޔަންކުރީ އެމަގާމުގައި ހުރި އިބްރާހިމް ޝަރީފް މުހައްމަދު އެ މަގާމުން ވަކި ކުރުމަށް ފަހުގައެވެ. އަދި އިބްރާހިމް ޝަރީފް ވަނީ އޮސްޓްރޭލިއާގެ މެލްބަންއަށް ރާއްޖެއިން ކަނޑައަޅާފައިވާ ޓްރޭޑް ރެޕްރެޒެންޓޭޓިވް އަކަށް ބަދަލުކުރައްވައިފައެވެ.

ކަސްޓަމްސްގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނާ ޖެނެރެލް އޮފް ކަސްޓަމްސްގެ މަގާމު ޖުނައިދަށް ދެއްވުމަށްފަހު ‏ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ރައީސް އޮފީހުގައެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ފަހުކޮޅުވެސް، އެ މަގާމަށް ޖުނައިދު އައްޔަން ކުރެއްވިއެވެ. އެހެންނަމަވެސް އޭގެ ފަސް މަސް ފަހުން ޖުނައިދު ވަނީ އެ މަގާމުން ވަކި ކުރައްވައިފައެވެ. އެއަށްފަހު އެމްޕީއެލްގެ ސީއީއޯގެ މަގާމު އަދާކުރެއްވުމަށް ފަހު މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ވަނީ އެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.