ޚަބަރު

ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚް މާދަމާ ކަނޑައަޅަނީ


ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚް މާދަމާ ކަނޑައަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަހުމަދު އަކްރަމް ވިދާޅުވީ މާދަމާ ބާއްވާ ކޮމިޝަނުގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚް ފައިނަލް ކުރާނެކަމަށެވެ. އަދި މާދަމާ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއްވެސް އޮންނާނެ ކަމަށާއި އެބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންވެސް ބައިވެރިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މާދަމާ ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ފައިނަލްކޮށް ނިންމާނަން. އަޅުގަނޑުމެން ކޮމިޝަންގެ ބައްދަލުވުމެއް މާދަމާ އެބައޮތް. އެ ބައްދަލުވުމުގައި މި ފަހަރު ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަނޑައަޅާނަން. އެ ކަނޑައެޅުމަށް ފަހުގައި ވީހާ އަވަހަކަށް އެ ދުވަސް އިއުލާނު ކުރާނަން" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވަނީ ރިޔާސީ އިންތިޚާބަށް ވަމުދާ ތައްޔާރީތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން އިންތިޚާބުގެ އިދާރީ މަސައްކަތުގެ 90 އިންސައްތަ ނިފައިވާކަން އޭނާ ފަހަގަކުރެއްވިއެވެ. އަދި އިންތިޚާބަށް އެކުލަވާލަންޖެހޭ ކޮމްޕްލެއިންސް ބިއުރޯ އެކުލަވާލާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. ކޮމްޕްލެއިންސް ބިއުރޯއަކީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އިންތިޚާބު ނިމެންދެން، އިންތިޚާބާއި ގުޅޭގޮތުން އުފުލާ ޝަކުވާތައް ހުށަހެޅުމަށް ގާއިމްކުރާ ބިއުރޯއެކެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުން، ކުރިން ރާވާފައިވާ ގޮތަށް އަންނަ މަހު ހުޅުވާލާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު މިމަހުގެ 15ގެ ކުރިން އާއްމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފަހަރުގެ ވޯޓާސް ލިސްޓަކީ، މިދިޔަ ލޯކަލް އިންތިޚާބުގައި ބޭނުންކުރި ލިސްޓަށްވުރެ ފުރިހަމަ ލިސްޓަކަށްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ މެންބަރ އަހުމަދު އަކްރަމް ވިދާޅުވިއެވެ.