ޚަބަރު

އިންފުލުވެންޒާއާއި ރޯގާ ފެތުރޭ މިންވަރު އަދިވެސް މަތި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ - އެޗްޕީއޭ


ވޭތުވެ ދިޔަ ދެ ހަފްތާގައި 18 ހާހަށްވުރެ ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއެއިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މާލެއާއި ބައެއް އަތޮޅުތަކުގައި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފެތުރެމުންދާ މިންވަރު އާއްމުކޮށް އުޅޭމިންވަރަށް ވުރެ އަދިވެސް މަތިކަމަށެވެ. މިގޮތުން ވޭތުވެދިޔަ ހަފްތާގައި އަރިދަފުސް ރޯގާ ޖެހިގެން 9050 މީހުން އަދި އޭގެ ކުރީ ހަފްތާގައި 9710 މީހުން ޑޮކްޓަރަށް ދައްކާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ އެޖޭންސީން ވަނީ އަރިދަފުސްރޯގާއާއި އިންފުލުއެންޒާއިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މިހާރު ފެތުރެމުންދަނީ އިންފްލުއެންޒާ އޭގެ ވައްތަރެކެވެ. އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ ބަލީގެ ޢަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ޙާލުބޮޑުވެ އެންދުމަތިކުރެވިފައިވާ މީހުން ކަމަށެވެ. އަދި މިބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ބޭސް ހޮސްޕިޓަލްތަކަށް ފޯރުކޮސްދީ ފަރުވާދިނުމުގައި ގެންގުޅެންވާނެ އުސޫލުތަކާއި ޕްރޮޓްކޯލްތަކަށް، ޚިދުމަތްދޭ ފަރާތްތައް އަހުލުވެރިކޮށް، ފަރުވާގެ ކަންކަން އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި ހަރުދަނާކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރުފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު ބަލިތަކުން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެކަންކަން ކުރުމަށް އިލްތިމާސްކުރެއެވެ. އެގޮތުން ކެއްސައި ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމާއި ޢާއްމު ސާފުރާހިރުކަމަށް ސަމާލުވުމާއި ރޯގާ ޖެހި ކެއްސާނަމަ ޢާއްމުން އެއްވެއުޅޭ ތަންނަނަށް ނުދިއުމާއި އެފަދަ ޙާލަތުގައި ކުޑަކުދިންނާއި ދުރުހެލިވުން ހިމެނެއެވެ. އަދި އިންފްލުއެންޒާގެ ނުރައްކާ އޮތް ފަރާތްތަކުން ވެކްސިންގ ޖެހުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.