ޚަބަރު

އެމެރިކާގެ ހަރުކަށިކަމާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަންޖެހޭ- އިރާން


ޤައުމުތަކަށް ބިރު ދައްކައިގެން ކަންކަން ކުރުވުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަންޖެހޭކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފް ވިދާޅުވެއްޖެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ 2015 ވަނަ އަހަރު އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި ޤާއިމުކުރި އެއްބަސްވުމުން އެމެރިކާ ވަކިވުމާ ބެހޭގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީއެއްގައެވެ. ޒާރިފް ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަކީ ހަމައެކަނި އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ އެއްޗެއް ނޫންކަމަށެވެ.

އަދި މި އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މި އެއްބަސްވުން ޤަބޫލުކޮށްލުމުގެ ނުވަތަ ދޫކޮށްލުމުގެ ހައްޤެއް ނޯންނާނެކަމަށެވެ. ޒާރިފް ވިދާޅުވީ، ނިއުކްލިޔަރ އެއްބަސްވުމަކީ އެތައް ފަރާތެއް ބައިވެރިވެގެން ކުރިއަށްގެންދިޔަ ތަފްސީލީ ވާހަކަތަކަކުން ޤާއިމުކުރި އެއްބަސްވުމެއް ކަމަށެވެ.

އަދި އެމެރިކާއިން ބޭނުންވާގޮތަށް މި އެއްބަސްވުމާބެހޭ މަޝްވަރާތައް އަލުން ދެން ނުކުރެވޭނެކަމަށް ވެސް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. 2015 ވަނަ އަހަރުގެ އެއްބަސްވުމުން އެމެރިކާ ވަކިވިނަމަވެސް މި އެއްބަސްވުމުގައި ބައިވެރިވި އަނެއް ފަސް ގައުމުން ވަނީ މި އެއްބަސްވުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.