ޚަބަރު

ޤައުމީ ވާހަކަދެއްކުމުގެ މުބާރާތަށް ބައެއް ބަދަލުގެނެސްފި


ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ހިމެނޭ އޮފީސް، ކުންފުނި، ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބަޔައް ބަދަލުގެނެސްފިއެވެ.

މިމުބާރާތުގެ މިބައި މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަހުސް މުބާތެއްގެ ގޮތުގައިކަމަށް ދިވެހި ބަހުގެ އެކެޑަމީއިން މަޢުލޫމާތުދެއެވެ. މިކެޓަގަރީ ވާހަކަދެއްކުމުގެ މުބާރާތެއް ގޮތުގައި ބަދަލުކޮށްފައިވަނީ 2016ވަނަ އަހަރުއެވެ. ނަމަވެސް އަނެއްކާވެސް ބަހުސް މުބާރާތަކަށް ބަދަލުކޮށްފައިމިވަނީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީކަމަށް ދިވެހިބަހުގެ އެކެޑަމީއިން ބުނެއެވެ.

ބަހުސް މުބާރާތުގައި ބައިވެރިވުމަށް ފޯމްހުށައެޅުމުގެ ފުރުސަތު މިމަހުގެ 14ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ ދިވެހި ބަހަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، މަޝްހޫރު އަދީބު އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މީގެ 33ވަނަ މުބާރާތެވެ.

މި މުބާރާތް މިއަހަރުގެ އޭޕްރިލްމަހު ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، އެ ދުވަސްވަރަކީ ސްކޫލްތަކުގެ ހަރަކާތްތައް ގިނަ ދުވަސްވަރަކަށްވާތީ މުބާރާތްވަނީ އަންނަ މަހުގެ ތިނަކުން އެއްތިރީސްވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ބަހުގެ އެކެޑަމީއިންބުނެއެވެ.

މުބާރާތް ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ތޭރަ އަހަރުން ދަށާއި، ސޯޅައަހަރާއި ތޭރައަހަރާއި ދެމެދުގެ އުމުރުފުރައާއި، ސޯޅަ އަހަރާއި އެކާވީސް އަހަރުގެ އުމުރުފުރާއެވެ. މީގެއިތުރުން އަށާރަ އަހަރުން ދަށާއި، އަށާރަ އަހަރުން މަތީގެ ބައި ހިމެނެއެވެ.

މި މުބާރާތުގައި ސްކޫލްތަކުގެ ބަޔާއި، މަތީ ތަޢުލީމުގެ ބައިން ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް އަދި އޮފީސް ކުންފުނިތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

މި ކެޓަގަރީތަކަށް ފޯމްހުށައެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާއިރު، މި މުއްދަތުވެސް އެކެޑަމިއިންވަނީ އިތުރުކޮށްފައެވެ. އެގޮތުން އަންނަ ހުކުރުދުވަހާހަމައަށް މި ކެޓަގަރީތަކުން ފޯމުލެވޭނެކަމަށް އެކެޑަމީއިން ބުނެއެވެ.