ޚަބަރު

ވަށަފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ


ހއ.ވަށަފަރުގައި އެމްޓީސީސީން ކުރިއަށްގެންދާ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ، ވަށަފަރު ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔައީ، އެރަށު ފަޅުތެރޭގައި ތިލަވެފައިވާ ސަރަޙައްދުތައް ފުންކުރުމާއި، މިހާރު ލާފައިވާ ބޭރުތޮށި ދިގުކުރުމުގެ މަސައްކަތާއި، ނެރުބައްތި ޖެހުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، ވަށަފަރު ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި މިހާރު ހަދާފައިވާ ބޭރުތޮށި ބޮޑުހިލަޖައިގެން 42 މީޓަރަށް ދިގުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މިމަޝްރޫޢުގެ ދަށުން ނުނިމި ހުރި މަސައްކަތަކީ ނެރުބައްތި ޖެހުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތް ކުރިއަށް އޮތް ތިން ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ހުޝާމް ވިދާޅުވިއެވެ.

ވަށަފަރުގައި މިހާރު ހަދާފައިވަނީ 560 ފޫޓް ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ. އެރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުގެ ބަޖެޓުން 47.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.