ޚަބަރު

ގެމަނަފުށީގެ މަސްދޯންޏަކުން އެ ދޯނީގެ 4 ފަޅުވެރިއަކަށް އުމްރާ ދަތުރު ދީފި


ގެމަނަފުށީގެ މަސްދޯންޏަކުން އެ ދޯނީގެ 4 ފަޅުވެރިއަކަށް އުމްރާ ދަތުރު ދީފިއެވެ.

ފަޅުވެރިންނަށް އުމްރާ ދަތުރު ދީފައިވަނީ ގެމަނަފުށީ "ގެލަރީ ވިޝަން" ދޯނިންނެވެ. މި ހަތަރު މީހުން އުމްރާއަށް ފުރާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އެ ދޯނީގެ ކެޔޮޅު ޙުސެއިން ހަމްދާން ބުނީ އުމްރާ ދަތުރަކީ އެދޯނީގެ ފަޅުވެރިންގެ މެދުގައި ދީނީ ކަންތަކަށް އިތުރަށް ލޯބި ޖެއްސުމުގެ ގޮތުން އަލަށް ފެށި ޕްރޮގްރާމެއްކަމަށެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު އެދޯނީގެ ފަޅުވެރިންގެ ތެރެއިން 4 މީހަކު އުމުރާއަށް ފޮނުވުމަށް ދޯނީގެ މެނޭޖްމެންޓުން ނިންމާފައިވާކަމަށެވެ.

ގެލަރީ ވިޝަން ދޯންޏަކީ ދީނީ ކަންތަކަށް އިސްކަންދޭ މަސްވެރިން އުޅޭ ދޯންޏެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ދޯނީގައި ޖަމާއަތުގައި ނަމާދު ކުރުމަށް ޚާއްޞަކޮށް ވަކި މީހަކުވެސް ބައްހައްޓާފައިހުރެއެވެ.

މީގެއިތުރުން މި ރަމްޟާންމަހު އެދޯނީގެ ފަޅުވެރިންގެ ގޭގެއަށް ބޭނުންވާނެ ގިނަ ސާމާނު އެދޯނީގެ ފަރާތުން ވަނީ ފަޅުވެރިންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދީފައެވެ. މީގެތެރޭގައި ކާޑުގެ ބާވަތްތަކާއި، މަސްދަޅާއި، ބިހުގެ އިތުރުން ފަނިގިރަން ބޭނުންކުރާ ބައެއް ތަކެތިވެސް ހިމެނެވެ.