މުނިފޫހިފިލުވުން

ލައިޝާއެއް ނުގެއްލޭ - އޭނާ ބުނީ ފޭނުން ކުޑަ އިންތިޒާރެއް ކޮށްލުމަށް!


ލައިޝާ ޖުނައިދަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް މިހާރު އާ ނަމަކަށް ނުވާނެއެވެ. އަދި އެއީ ކޮން ފަންނާނެއްކަން ނޭންގޭނެ މީހެއް މިހާރު ރާއްޖޭގައި މަދުވާނެއެވެ.

ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ސީޒަން އެކެއްގެ އޮޑިޝަންތައް ޓީވީއެމްއިން ދައްކަން ފެށި ހިސާބުން، "ލައިޝާ" މި ނަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމު ނަމަކަށް ވެގެންދިޔައެވެ. ލައިޝާގެ ލަވަކިޔުމުގެ ހުނަރުވެރިކަމާއި، ޝޯވއަކަށްފަހު، ޝޯވއެއްގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ހިތްގައިމު އަދި ފޯރިގަދަ ހުށައެޅުންތަކަށް ޢާއްމުންގެ ފަރާތުން ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ. އައިޑަލްގެ ޝޯވތަކުގައި ލައިޝާއަށް ކޮންމެ ކަހަލަ ލަވައެއްވެސް ފަސޭހަކަމާއެކު ކިޔޭނެކަން އޭނާ ވަނީ ބެލުންތެރިންނަށް ސާބިތުކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން، އައިޑަލްގެ ފުރަތަމަ ސީޒަންގެ ފައިނަލްގައި ފިރިހެން 2 ބައިވެރިންނާ ވާދަކުރުމަށްފަހު، ފުރަތަމަ މޯލްޑިވިއަން އައިޑަލްގެ ތަށި ލައިޝާ އުފުލާލުމެވެ.

އައިޑަލްގެ ކާމިޔާބީއާއެކު މިއުޒިކީ ދުނިޔޭގައި ލައިޝާގެ ނަން ފިޔަޖަހަން ފަށާފައިވާއިރު، ޤައުމީ ހަފްލާތަކާއި، ބައެއް ބޮޑެތި މިއުޒިކް ޝޯވތަކުގައި ލައިޝާ ވަނީ ހިތްގައިމު އެތައް ހުށައެޅުންތަކެއް ހުށައަޅައިދީފައެވެ. އަދި އޭ.ބި.ޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ޕީ.އެސް.އެމްގެ ފަރާތުން ބައިވެރިވެ، 2016 ވަނަ ލައިޝާ ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށްދީފައެވެ.

ޓީވީ ޝޯވތަކާއި، މިއުޒިކް ޝޯވތަކުން ލައިޝާގެ ހުށައެޅުންތައް އެކިފަހަރުމަތިން ފެނިގެންދިޔަ ނަމަވެސް، ލައިޝާގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ވަރަށް މަދު ވީޑިއޯ ލަވަތަކެކެވެ. އޭގެތެރޭގައި ހިމެނެނީ "ހޯދޭތޯ މަންޒިލެއް" މި ނަމުގައި އޭނާ ރިލީޒްކުރި ދިވެހި ވީޑިއޯ ލަވައާއި، "އެކްސެލް ސޯންގް ބައި ލައިޝާ"ގެ ނަމުގައި އިނގިރޭސިބަހުން ކިޔާފައިވާ ލަވައެވެ. އަދި ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ލައިޝާ އޭނާގެ ފޭނުންނާއި ބައްދަލުކޮށްފައިވަނީ އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނަލޭ ޝޯވއިންނެވެ. އޭނާގެ އަމިއްލަ ލަވައެއްކަމަވާ "ރީތި ބޭވަފާ" މި ލަވައާއެކުއެވެ.

"ބޮޑު ބްރޭކެއް މިދިޔައީ. އެކި ސަބަބުތައް އެބަހުރި. އެކަމު ބޮޑަށް ރީޒަން ދެއްކުމަށްވުރެ، ލައި ބޭނުންވަނީ ލައިގެ އެކްޝަނުން ސަޕޯޓަރުންނަށް ދައްކަން، ލައި މި ދާއިރާއިން ދުރަށް ނުދާކަން. ލައި އެންމެ ފުރަތަމަވެސް ބުނިން އައިޑަލްއަށް އެރިއިރުވެސް، ލައިގެ ޕްރޮފެޝަންއަކަށް ލައި ބޭނުންވަނީ ޑޮކްޓަރަކަށް ވާންށޭ. ހޮބީއެއް ގޮތަށޭ މިއުޒިކް ލައި ހިޔާރުކުރަނީ"

ލައިޝާ ބުންޏެވެ.

ވަރަށް އަވަހަށް ލައިޝާގެ ލަވަތަކެއް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނެކަމުގެ އުފާވެރި ޙަބަރު ލައިޝާ ވަނީ ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކޮށްފައެވެ. ރަމަޟާން މަސް ނިމެންވާއިރަށް އަމިއްލަ އަލްބަމެއް ނެރުމަށް މިހާރުވެސް ތައްޔާރުވަމުންދާކަމަށް ލައިޝާ ބުންޏެވެ.

"ރޯދަމަހުގެ ތެރޭގައި އެބަހުރި ވަރަށް ގިނަ އިވެންޓްތައް. ވަރަށް ބައިވަރު ޕްރޮގްރާމްތަކެއް ޓީ.ވީ.އެމުންވެސް ދައްކާނެ. އެ ޕްރޮގްރާމްތަކުގައިވެސް ލައި ފެނިގެންދާނެ. އެ ޕްރޮގްރާމްތަކުގައިވެސް އާ ލަވަތަކެއް ރިލީޒްކުރާނަން. އަދި ހުރިހާ ލަވަތަކެއް ކޮމްބައިންކޮށްލައިގެން އިރާދަކުރެއްވިއްޔާ ރޯދަ ނިމެންވާއިރަށް ލައިގެ އަލްބަމެއް ގެނެސްދެވޭވަރު ކުރާނަން"

ލައިޝާ ބުންޏެވެ.

ލައިޝާގެ ލަވައެއް އަޑުއަހާލަން ކެތްމަދުވެފައިތިބި އޭނާގެ ފޭނުންނަށް އޮތް އުފާވެރި ޙަބަރަކީ ޓީ.ވީ.އެމުން ގެނެސްދޭ ރާގު ޕްރޮގްރާމެވެ. ދިވެހި ޒުވާން ލަވަކިޔުންތެރިންގެ ހުނަރު ދައްކުވައިދޭ މި ޕްރޮގްރާމުގެ މިއަހަރުގެ ސީޒަނުން ލައިޝާގެ ހިތްގައިމު އަޑުން ތަފާތު ލަވަތަކެއް ފެނިގެންދާނެއެވެ. ލައިޝާގެ ހުނަރުވެރިކަމާއި ކުޅަދާނަކަމަށް ފަޑުކަމެއް ނާންނާނެކަން އޭނާ އަންނަނީ ކޮންމެ ހުށައެޅުމެއްގައިވެސް ސާބިތުކޮށްދެމުންނެވެ. ލައިޝާގެ ކުރިއަށްހުރި ލަވަތަކަށްވެސް އިންތިޒާރުކޮށްލަމާތޯއެވެ.