ޚަބަރު

ހުމާއި ރޯގާ ޖެހިގެން ހޮސްޕިޓަލަށްދާ މީހުންގެ ޢަދަދު މަދުވާން ފަށައިފި


އަރިދަފުސް ރޯގާއާއި ހުން ޖެހިގެން ޑޮކްޓަރަށް ދައްކަމުންދާ މީހުންގެ ޢަދަދު އިތުރުނުވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގަމުންދާ އާސަންދާ ކުންފުނިން ބުނީ، ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުން މަދުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކަށް އިއްޔެ ދައްކާފައިވަނީ 101 މީހުންނެވެ.
ހުމާއި ރޯގާ ފެތުރެމުން ދިއުމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކް ހުޅުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިހާތަނަށް 935 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރޭގައި ހުރިހާ ޢުމުރުފުރާއެއްގެ މީހުންވެސް ހިމެނެއެވެ.

އައިޖީއެމްއެޗުންވެސް ބުނީ، އަރިދަފުސް ރޯގާއާއި ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުނުވާ ކަމަށެވެ. އައިޖީއެމްއެޗަށްވެސް މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު 300 މީހަކު ޑޮކްޓަރަށް ދެއްކިއެވެ.
ހުޅުމާލޭގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ދެމުން ގެންދަނީ ހެނދުނު އަށަކުން ރޭގަނޑު ބާރައަށެވެ. އޭޑީކޭ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މެއި މަހުގެ ފަންސަވީސް ވަނަ ދުވަހާ ހަމަޔަށް ހުމާ ރޯގާ ޖެހިގެން އެއްހާހަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ.

މިދުވަސްވަރު އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެފައިވާތީ، ބަލިން ސަލާމާތްވުމަށް ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުންހިމެނެއެވެ.