ޚަބަރު

އެއަރޕޯޓުތަކާއެކު ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބެއް


ވަކިވަކި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައިވާ އެންމެބޮޑު ދަތިކަމަކީ އެކިބޭނުންތަކުގައި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރާނެ ލުއިފަސޭހަ ނިޒާމެއް ނެތުމެވެ. މިކަން ޙައްލުކުރުމުގެ ވާހަކަ އެކިސަރުކާރުތަކުން ދައްކަމުން ދިޔަނަމަވެސް މިހާތަނަށްވެސް ވަނީ އެދެވޭ ކުރިއެރުމެއް ނުލިބިއެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިންޤިލާބީ ބަދަލާކާ ދިމާއަށް ގެންދިއުމަށް މިސްރާބު ޖަހާފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ، މުޅިން އަލަށް 4 އެއާރޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާކަން ޢިއުލާންކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ދަތުރުފަތުރާ ނުލައި އެމީހުން ޒަރޫރީ މުހިންމު ބޭނުންތައް ނުފުއްދޭ ބައެއްގެ ގޮތުގައި ޒަމާނުއްސުރެ ދިރިއުޅެމުންއައި ބައެކެވެ. ސަބަބަކީ ކުދި ރައްތަކެއްގެ މައްޗަށް އެކުލެވޭ މިރާއްޖޭގެ އެއްރަށުގެ ރައްޔިތުންނާ އަނެއްރަށުގެ ރައްޔިތުން ގުޅިލާމެހިފައިވުމާއި، އެއްރަށެއްގައި ލިބެންހުރި ޚިދުމަތްތަކާއި ވަޞީލަތްތަކުގެ ބޭނުންނުކޮށް އަނެއްރަށުގެ ރައްޔިތުންނަށް ދިރުއުޅުން ކުރިއަށް ގެންދިއުން ދަތިކަމަކަށްވުމެވެ.

ކިތައްމެ ކަނޑުގަދަޔަސް ވިއްސާރަޔަސް ފުރާނަ އަތްމައްޗަށް ލައިގެން މިދެންނެވި ދަތުރުފަތުރު ކުރުމުގައި ދިވެހިން އުފަލުންދިޔަ ތަޖްލީފަށް މިހާތަނަށްވެސް ވަނީ އެދެވޭ ބަދަލެއް ނައިސްކަމުގައި ދަންނަވަންޖެހެއެވެ.

"ވިޝަނަރީ" ލީޑަރެއްގެގޮތުގައި މިހާރުގެ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ރައްޔިތުންނަށް ހުށަހެޅުއްވި އެއްސިޔާސަތަކީ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަވާނެކަމުގެ ސިޔާސަތެވެ. އެސިޔާސަތުގެ ދަށުން ރާއްޖޭގެ މައި އިންޓަނޭޝަނަލް އެއަރޕޯޓު ދުނިޔޭގެ އެންމެ ފެންވަރުރަނގަޅު ހިތްގައިމު އެއަރޕޯޓުތަކާ އެއްވަރުގެ ތަނަކަށް ހެއްދެވުމާއި، ޑޮމެސްޓިކް އެއަރޕޯޓުތައް އިތުރުކޮށް ހަރުދަނާކުރުން ހިމެނެއެވެ.

ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓުގައިވެސް ހަތަރު އެއާޕޯޓެއް ހެދުމަށް 336 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ގދ.މާވަރުލު، ފ.ނިލަންދޫ އެއަރޕޯޓެވެ.

ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވިސްނުންފުޅަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 30 މިނިޓު ތެރޭގައި ދެވޭ ހިސާބުގައި އެއާރޕޯޓެއް ތަރައްޤީކުރެއްވުމެވެ. އެއަމާޒަށް ވާޞިލްވުމަށް އެއާރޕޯޓްގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ދަނީ ހިންގަވަމުންނެވެ.
މިހާރު އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ހދ.ކުޅުދުއްފުއްޓާއި، ށ.ފުނަދޫއާއި، ގދ، މާވަރުލާއި، ނ.މާފަރުގައެވެ. މީގެތެރެއިން ގިނަ އެއަރޕޯޓްތަކުގެ މަޝްރޫޢު ހިންގަނީ ދައުލަތުގެ ބަޖެޓުން އެތައްސަތޭކަ މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.

ނ.މާފަރުގައި މަތީ ފެންވަރުގެ ސިޓީ ހޮޓަލަކާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް، ޔޫއޭއީގެ އެހީގެ ދަށުންނެވެ. މާފަރުގައި 2200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ މިއެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ޢިއުލާންކުރައްވާފައެވެ. މިމަޝްރޫޢުގެ ދަށުން، ޕެސެންޖަރ ޓާރމިނަލާއެކު، ވީވީއައިޕީ ޓާރމިނަލަކާ، ޖެޓް ޕާކިންގ ފެސިލިޓީސް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ 60 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ހދ.ކުޅުދުއްފުށްޓާއި، ށ.ފުނަދޫއާއި، ގދ.މާވަރުލުގައި އެއާރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ކުޅުދުއްފުށީގައި އެއާރޕޯޓެއް އެޅުމަށް 15 ހެކްޓަރުގެ ބިންހިއްކައި މިހާރު ވަނީ ނިމިފައެވެ. އެއާރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ކުޅުދުއްފުށީގައި އަޅަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާރޕޯޓެކެވެ. މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. ށ.ފުނަދޫގައި އެއާޕޯޓް ތަރައްޤީކުރަނީ އެރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެމްޓީސީސީން ބުނީ، ފުނަދޫ އެއާޕޯޓްގެ ރަންވޭގެ ސަބްގްރޭޑިންގ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. ށ.ފުނަދޫގައި ހަދާ އެއާރޕޯޓް ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ފުނަދޫ އެއާޕޯޓް މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 89 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ގދ.މާވަރުލުގައި ހަދާ އެއާޕޯޓްގެ މަސައްކަތަށް ބަލާއިރު، ރަންވޭ އަޅާ ސަރަޙައްދު މުޅިން ސާފުކޮށް ނިމި، ރަންވޭގެ ސަބްގްރޭޑިންގ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސިން ބުނެއެވެ. މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. އެމްޓީސީސީން ބުނީ، ކުޅުދުއްފުށި، ފުނަދޫ އަދި މާވަރުލު އެއާޕޯޓްގެ މަސައްކަތް މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ނިންމައި ސަރުކާރާ ޙަވާލުކުރާނެކަމަށެވެ.

ރައީސްލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މިދިޔަ ހަފްތާގައި، މުޅިން އަލަށް 4 ހަތަރު އެއާރޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ. މިގޮތުން ރ.ފައިނުގައި އެއާޕޯޓެއް ތަރައްޤީކުރުމަށް އައިލެންޑް އޭވިއޭޝަނާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ފައިނު އެއާޕޯޓް މަޝްރޫޢަކީ ސިޓީ ހޮޓަލަކާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. މިމަޝްރޫޢަށް 123 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މީގެ އިތުރުން ޅ.އަތޮޅު މަޑިވަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއާއި ވަނީ ހަވާލުކޮށްފައެވެ. މަޑިވަރުގައި ހަދާ އެއަރޕޯޓަކީ 1.2 ކިލޯމީޓަރު ދިގު ރަންވޭއަކާއެކު އަޅާ އެއަޕޯޓެކެވެ. މިތަން ތަރައްޤީ ކުރަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ 70 މީހުންގެ ޖާގައިގެ ފްލައިޓްތައް ޖެއްސޭގޮތަށެވެ.

ހއ.ހޯރަފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް، އެރަށް ކައިރީގައި އޮންނަ މާފިނޮޅު ހިއްކުމަށް ސަރުކާރުން މިހާރު ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. ގދ.ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ ވިސްނުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް ނިމެންވާއިރަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއާޕޯޓްތަކެއް ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ، އެތައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިވެ، ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް މިހާތަނަށް ނުހިންގާ ފަދަ ބޮޑެތި މަޝްރޫޢުތަކެކެވެ. މިއާއެކު މިދާއިރާއިން ރައީސް ޔާމީންގެ ތަޞައްވުރު ހަޤީގަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.