ޚަބަރު

ފޮޓޯގްރަފީ އެމްބެސެޑާރސް ގެ 2 ވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފޮޓޯގްރަފީ އެމްބެސެޑާރސް ގެ ދެވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގެ ރީތިކަން އިސްތިހާރުކުރުމަށް އެ ކޯޕަރޭޝަނުން 2017 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތަށް ބޭނުންވާ ފޮޓޯ ނަގައިދޭނެ މީހުން ހޯދުމަށް އެމްއެމްޕީއާރުސީން އިސްނަގައިގެން ފޮޓޯގްރަފީ އެމްބެސެޑާރސް ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އެގޮތުން މިޕްރޮގްރާމުގެ ފުރަތަމަ އަހަރުވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށް 5 ފޮޓޯގްރާފަރުން ހޮވައި، 4 ތީމަކަށް ފޮޓޯ ނަގަން އެމީހުންނާ ޙަވާލުކޮށްފައެވެ.

2017 ވަނަ އަހަރުގެ ކާމިޔާބީއާއިއެކު މިއަހަރުވެސް އެމްއެމްޕީއާރުސީން ވަނީ މި ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ދިވެހިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގުރާމްގައި މިއަހަރު ތަފާތުތަކެއް ފެންނާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެގޮތުން މިއަހަރު 6 ފޮޓޯގުރަފަރުންނަށް ފުރުސަތުދޭއިރު، ތީމްތައްވެސް މިއަހަރު ވަނީ 4 އިން 5 އަށް އިތުރުކޮށްފައެވެ.

މިއަހަރުގެ ތީމްތަކުގެ ތެރޭގައި ހިމެނެނީ ތްރިލިންގ ސައިޑް އޮފް ލައިފް، ރޮމޭންޓިކް ސައިޑް އޮފް ލައިފް، މޯލްޑިވިއަން ސައިޑް އޮފް ލައިފް، ސްޕިރިޗުއަލް ސައިޑް އޮފް ލައިފް، އޭރިއަލް ފޮޓޯގުރަފީ ނުވަތަ ރާއްޖެ މަތިން ފެންނަފަދަ ފޮޓޯތަކާއި، އަންޑަރވޯޓަރ ފޮޓޯގުރަފީ، މި ތީމްތަކެވެ.

ފޮޓޯގްރަފީ އެމްބެސެޑާރސް ޕްރޮގުރާމްގެ ދަށުން ހޮވޭ ފޮޓޯގުރަފަރުންނަށް އެމްއެމްޕީއާރުސީން ފައިސާނުދިންނަމަވެސް އެމީހުން ފޮޓޯނަގަން ބޭނުންވާ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގުރާމްއަށް ފޮޓޯގްރަފަރުން ހޮވުމުގައި ބަލާނީ އެމީހުންގެ ތަޖުރިބާއާއި ފޮޓޯގްރަފީގެ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މިންވަރަށެވެ. މިޕްރޮގްރާމުގައި ނަގާ ފޮޓޯތައް ދައްކާލުމަށް އެގްޒިބިޝަނެއްވެސް ބާއްވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.