ޚަބަރު

އެއަރ އިންޑިއާގެ ޙިއްސާ ގަންނާނެ ބަޔަކުނުވި


އިންޑިއާގެ ޤައުމީ އެއަރލައިން އެއަރ އިންޑިއާގެ ބޮޑު ޙިއްސާއެއް ވިއްކާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މިހާތަނަށް އެއްވެސް އިންވެސްޓަރެއް މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާކަމަށެވެ. އެއަރ އިންޑިއާގެ %76 ވިއްކާލުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެއަރ އިންޑިއާގެ ހިއްސާ ވިއްކާލުމަށް ހުޅުވާލި ބިޑް މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ބިޑަށް ކުރިމަތިލާފައެއްނުވެއެވެ. އެއީ އިންޑިއާ ސަރުކާރުގެ ޝަރުތުތަކުގެ ސަބަބުންކމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ޤައުމީ އެއަރލައިން "އެއަރ އިންޑިއާ" ޕްރައިވެޓް ކުރުމަށް އެޤައުމުގެ ކެބިނެޓުން ނިންމާފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. އިންޑިއާ ސަރުކާރުން މިގޮތަށް ނިންމީ އެ އެއަރލައިން ގެއްލުމުގައ ހިންގަމުން އައުމާއި ގުޅިގެންނެވެ. އެ އެއަރލައިންގެ ދަރަނި 8 ބިލިއަން ޑޮލަށްވުރެ މައްޗަށްއަރާކަމަށް ބޭރުގެ މީޑިއާ ރިޕޯޓްކުރެއެވެ.

އިންޑިއާ ސަރުކާރުން ވަނީ އެއަރ އިންޑިއާގައި އޮތް ދަރަނި އަދާކުރުމަށް އެހެން ބޮޑެތި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އިތުރަށް ޚިދުމަތްތައް ފުޅާކޮށްގެން ޚިދުމަތް ދިނުމަށް ނިންމާފައެެވެ.