ޚަބަރު

ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ޒިކުރާ އާކުރުމަށް ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފި


އަލްމަރުޙޫމް ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ޒިކުރާ އާކުރުމުގެ ގޮތުން ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި މި ޖަލްސާގައި ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއެކު މަސައްކަތްކުރެއްވި ބޭފުޅުންނާއި އާޢިލާގެ މެންބަރުން ބައިވެރިވެފައިވެއެވެ.

މި ޖަލްސާގައި ވާހަކަދެއްކި ބޭފުޅުން ވަނީ ޑރ.މަޖީދުގެ ޒިކުރާ އާކޮށް އެމަނިކުފާނަކީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްފައިވާ ބޭފުޅެއްކަން ފާހަގަކޮށްފައެވެ. އަދި އެމަނިކުފާނު ދުނިޔެ ދޫކުރެއްވުމަކީ ޤައުމަށް ލިބިގެންދިޔަ ހިތާމައެއްކަމަށާއި ޤައުމަށް ލިބުނު ފޫނުބެދޭވަރުގެ ގެއްލުމެއްކަމަށްވެސް ބައެއް ބޭފުޅުން ބުނެފައިވެއެވެ. އަދި ޑރ.މަޖީދާއިއެކު މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ވަނީ އެ ބޭފުޅުންގެ ތަޖުރިބާތައްވެސް ހިއްސާކޮށްފައެވެ.

ދީނީ އިލުމުވެރިޔާ ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަވަހާރަވީ ހާލު ސީރިއަސްވެ ސްރީ ލަންކާގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

ޑރ.މަޖީދަކީ ކުރީގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒު އުފެއްދުމުން އެ މަރުކަޒުގެ ފުރަތަމަ ރައީސްކަންވެސް ކުރައްވާފައިވަނީ ޑރ މަޖީދެވެ. ޑރ މަޖީދު އަވަހާރަވިއިރު އެމަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައެވެ.

ޑރ މަޖީދަކީ ޤުރުއާނުގެ އިލްމު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޑރ.މަޖީދު އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 55 އަހަރެވެ.