ޚަބަރު

15 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފްރެންސް ގައި ރާއްޖެއިން ބައިވެރިވެއްޖެ


15 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފްރެންސް އެންޑް އެކްސިބިޝަންގައި މޯލްޑިވްސް ފިޝަރީސް ޕްރޮމޯޝަން ބޯޑާއި، މިފްކޯއާއި އެންސިސް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަމުސީލުކޮށްފިއެވެ.

މިމަހުގެ 28 އިން 30 އަށް ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީގެ ސީއީއޯ އިސްމާޢީލް އަދްލީ ވަނީ ރާއްޖެއިން މަސްވެރިކަމުގައި ގެންގުޅޭ އުކުޅުތަކާއި، ދެމެހެއްޓެނިވި މަސްވެރިކަންކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަވާފައެވެ.

އެގޮތުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހިގޮތުގައި ކުރާ ދޮށީގެ މަސްވެރިކަން ފާހަގަކޮށް މިފަދަ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް އިސްމާޢީލް އަދްލީ ގޮވާލެއްވިއެވެ. ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ މަސްވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމާއި، މިދާއިރާ ފުޅާކުރުމުގައި ހުރި ގޮންޖެހުންތަށް ދެނެގަނެ މިކަންކަމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. 15 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފްރެންސް އެންޑް އެކްސިބިޝަންގައި އެކި ޤައުމުތަކުން 600 އަށްވުރެ ގިނަ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެފައިވެއެވެ.