ޚަބަރު

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމުގެ ސަބަބުން ރައްޔިތުންގެ އަތުން 12 މިލިއަން ރުފިޔާ ސަލާމަތްވި - އިކޮނޮމިކް މިނިސްޓްރީ


ޓްރާންސްޕޯޓު އޮތޯރިޓީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ "އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމް"ގެ ސަބަބުން، ރައްޔިތުންގެ އަތުން 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނުކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.

ފަސޭހަކަމާއެކު އެއްދުވަހުން ލައިސަންސް ނެގޭގޮތަށް ރާވައިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގެ މުއްދަތު ހަމަވިއިރު 3 ހާހަށްވުރެ ގިނަ މީހުން ވަނީ ޑްރައިވިންގ ޓެސްޓް ހަދާ ޓެސްޓުން ފާސްވެ ލައިސަންސް ހޯދާފައެވެ. އަދި މީގެ ތެރެއިން އެގާރަސަތޭކައެއްހާ މީހުންނަށް މިހާރުވަނީ ލައިސަންސް ކާޑު ހަވާލުކޮށްފައެވެ. "އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމް"ގެ ދަށުން 8000 އަށްވުރެ ގިނަ ޓޯކަން ދޫކުރިކަމަށް އިކޮނިމިކް މިނިސްޓްރީއިން ބުނެއެވެ.

އިކޮނޮމިކް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ހީކުރިވަރަށްވުރެ ބޮޑު ތަރުޙީބެއް މިޕްރޮގްރާމަށް ލިބުނުކަމަށެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮަތައްކަމަށެވެ. އެގޮތުން ތިއަރީއާއި ޕްރެކްޓިކަލް ބައިތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ޢާއްމުކޮށް ލައިސަންސް ނެގުމުގެ އަމަލުކުރާ އުސޫލުންކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ލައިސަންސް ނެގުމަށް ހޭދަވި ވަގުތާއި، ޚަރަދުކުރި ފައިސާ ވަރަށް ބޮޑުތަން ދަށްކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 25 އިން ފެށިގެން 4 ދުވަަހަށް ކުރިއަށްގެންދަން ނިންމި "އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމް"ގެ ގިނަ ބައެއްގެ ތަރުޙީބު ބޮޑުވުމާގުޅިގެން، ގިނަ ބައެއްގެ އެދުމުގެ ޕްރޮގްރާމުގެ މުއްދަތު އިތުރުކުރިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ހުޅުމާލޭގައި ވަރަށް އަވަހަށް ބާއްވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ލައިސަންސް ނެގި ބައެއް ފަރާތްތަކުން ބުނީ މިއި ވަރަށް ލުއި ފަސޭހަ ޕްރޮގްރާމެއްކަމަށާއި، ޒުވާނުންނަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށެވެ.

އެއްލަކިން ލައިސަންސް ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ ތިއަރީއާއި ޕްރެކްޓިކަލް ޓެސްޓު މިހާރުވަނީ އެއްކޮށް ނިމިފައެވެ. ނަމަވެސް ފާސްވި ފަރާތްތަކާއި ކާރޑު ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ. އަދި ކާރޑް ތައްޔާރުވުމުން އެސްއެމްއެސް މެދުވެރިކޮށް ކާޑު ބަލާ އަންނަންޖެހޭ ތާރީޚާއި ގަޑި އަންގާނެކަމަށެވެ.

މި ޕްރޮގްރާމްގެދަށުން ލައިސަންސްނެގި ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީއިންވަނީ ޓްރެފިކް ޤަވައިދުތަކަށް ސަމާލުކަންދީގެން ދުއްވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މަގުމަތީގެ ނިޝާންތަކާއި، ޤަވައިދުތަކާއި، ހިންގާބިނގާވެ އުޅޭ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ނިންމާފައެވެ.