ޚަބަރު

ޑޮކްޓަރުންގެ އިރުޝާދާ ނުލައި އެންޓިބަޔޮޓިކްސް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި


މިހާރު ފެތުރެމުންދާ އެކި ބަލިތަކާ ގުޅިގެން ޑޮކްޓަރުންގެ އިރުޝާދާ ނުލައި އެންޓިބަޔޮޓިކްސް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭގެ ޑިރެކްޓަރ ފަރމަސޫޓިކަލް ޢާއިޝަތު ޖަލީލާ ވިދާޅުވީ މިދުވަސްވަރު މިފަދަ ކަންކަމާ ދުރުވުމަކީ ރައްކާތެރިވުމުގެ ގޮތުން ފަރުދީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢާއިޝަތު ޖަލީލާ ވަނީ މިދުވަސްވަރު ފެތުރެމުންދާ އެކި ބަލިތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ފާޠިމަތު ނަޒްލާ ވިދާޅުވީ އިންފްލުއެންޒާ އާއި ޑެންގީއާއި އަރިދަފުސް ރޯގާގެ އެކި ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަމަށާއި އިންފްލުއެންޒަރއިން ރައްކާތެރިވުމަށް ގިނަ ޢަދަދެއްގެ ބަޔަކު ވެކްސިންގ ޖަހަމުންދާކަމަށެވެ. އަދި ވެކްސިންގ ނުލިބޭކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ނަޒްލާ ވިދާޅުވީ އިންފލުއެންޒަރ ވެކްސިންގ އަކީ އެކި ދުވަސްވަރު އެކިގޮތައް ތައްޔާރުކުރަންޖެހޭ އެއްޗެއްކަމަށާއި މި ވެކްސިންގ ތައްޔާރުކުރުމަށްވެސް ގިނަ މުއްދަތެއް ނަގާކަމަށެވެ.

މިހާތަނަށް އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ތެރޭގައި ނުވަހާސް ހަސަތޭކަ ފަސްދޮޅަސް ހަމީހުން އިންފްލުއެންޒަރ އަށްވަނީ ޕޮޒިޓިވްވެފައެވެ. އިންފްލުއެންޒާ ޖެހިގެން ނުރައްކާވާ މީހުންގެތެރޭގައި މާބަނޑު މީހުންނާއި ވިހައިގެން ދެހަފުތާ ނުވާ މައިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި ފުއްޕާމޭގެ ބަލިތަކާއި ހަކުރުބަލި ހުންނަ މީހުންނާއި ސިކުނޑިއާއި ނާރުގެ މައްސަލަ ހުންނަ މީހުންނާއި ކިޑްނީގެ ބަލިތައް ހުންނަ މީހުންނާއި އާދަޔާ ޚިލާފަށް ފަލަ މީހުންނާއި ތެލެސީމީއާ ކުދިންގެ އިތުރުން ދިފާޢީ ނިޒާމު ދެރަ މީހުންނާއި ބައެއް ބާވަތްތަކުގެ ޚައްސަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.

އިންފްލުއެންޒާ ވެކްސިން ދޭންޖެހޭ ފަރާތްތަކުގެ ތެރޭގައި ބަލީގެ ނުރައްކާ އޮތް ފަރާތްތަކާއި ސިއްޙީ ފަރުވާދޭ ތަންތަނުން ބަލި ޖެހިފައިވާ މީހުންނާ މުޢާމަލާތުކުރަންޖެހޭ މީހުންނެވެ. މިހާރު ފެތުރެމުންދާ ހުމާ ރޯގާއިން ރައްކާތެރިވުމަށް ކެއްސައި ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމާއި ޢާއްމު ސާފުރާހިރުކަމަށް ސަމާލުވުމާއި ރޯގާ ޖެހި ކެއްސާނަމަ ޢާއްމުން އެއްވެއުޅޭ ތަންނަނަށް ނުދިއުމާއި އެފަދަ ޙާލަތުގައި ކުޑަކުދިންނާއި ދުރުހެލިވުމަށްވެސް އެޗްޕީއޭއާއި ކަމާ ގުޅުންހުރި އެކި ފަރާތްތަކުން އިލްތިމާސްކުރެއެވެ.