ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 35 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޤާނޫނީ އިމުގެ ތެރެއަށް އެ މީހުން ވެއްދުމުގެ މަސައްކަތް އިމިގްރޭޝަނުން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ހޮނިހިރު ދުވަހު ހެނދުނު 7:30އާއި 9:15އާ ހަމައަށް ޢާންމުކޮށް ބިދޭސީން އެއްވެ އުޅޭ ސަރަހައްދެއްކަމަށްވާ ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިންގ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން 121 ބިދޭސީއަކު ބަލައި ފާސްކުރިކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. ބަލައި ފާސްކުރި މީހުންގެ ތެރެއިން 35 މީހުންނަކީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންކަމަށާއި އެ މީހުން ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މިއަދު ހެނދުނު 7:30 އިން ފެށިގެން 9:15 އާ ހަމައަށް ޓާސްކް ފޯސްއިން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ސަރަހައްދެއް ކަމުގައިވާ ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިންގ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަނުގައި… pic.twitter.com/BiCiVJfwgv
— Maldives Immigration (@ImmigrationMV) May 31, 2025
މީގެ އިތުރުން ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 102 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 50 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާއެއްނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުން ފަށްޓަވާފައިވާ ވަރަށް ޚާއްސަ މަސައްކަތެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު ޢަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދާއި އެ މީހުންގެ މަޢުލޫމާތު އެއްކުރުމަށް އެ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.