ޚަބަރު

ބާރަށު ސްކޫލުގައި 12 ކްލާސް ރޫމް ހިމެނޭ އިމާރާތެއް އަޅަނީ


ހއ.ބާރަށު ސްކޫލްގައި 12 ކްލާސް ރޫމް ހިމެނޭގޮތަށް ތިންބުރީގެ އިމާރާތެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާޙީމް އިސްމާއިލެވެ. ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އަފްރާހެވެ.

މިމަސައްކަތަށް ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެއްބަސްވުމުގައި ވާ ގޮތުން މިމަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެގެޓިވް އިބްރާހީމް އިސްމާއިލް ވިދާޅުވީ، މި އިމާރާތް ނިމުމުން ބާރަށު ސްކޫލަށް މިހާރު ދިމާވެފައިވާ ޖާގައިހެ ދަތިކަން ޙައްލުވެގެންދާނެ ކަމަށެވެ. އަދި އަލަށް އިމާރާތް ކުރާ 12 ކްލާސްރޫމްގެ މަސައްކަތް 2019 ވަނަ އަހަރު އޯގަސްޓްމަހު ނިމި 2020 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ފެށެން ވާއިރަށް ބޭނުންކުރެވޭ ވަރު ވާނެ ކަމަށްވެސް އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބާރަދު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވީ، މިއިމާރާތާއެކު ބާރަށު ސްކޫލަކީ ވަޞީލަތްތައް ހަމަ ތަނަވަސް ސްކޫލަކަށް ވެގެންދާނެ ކަމަށެވެ.

ބާރަށު ސްކޫލަކީ، ގްރޭޑު އެކަކުން ފެށިގެން ބާރަ އާ ހަމަޔަށް ކިޔަވައިދޭ ސްކޫލެކެވެ. އެސްކޫލްގައި 325 ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުން ދެއެވެ.