ޚަބަރު

ރިޔާސީ އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު އިތުރު ކުރަނީ


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށީގެ ޢަދަދު ކުރީގެ އިންތިޚާބުތަކަށްވުރެ އިތުރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ވޯޓު ފޮށީގެ އަދަދު އިތުރުކުރަން ނިންމީ، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ އާބާދީއަށް ބަދަލުތަކެއް އައިސްފައިވުމާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ނިސްބަތަށް އައިސްފައިވާ ބަދަލުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. ނަމަވެސް މި ފޮށިތަކާގުޅޭ އިތުރު ތަފްސީލެއް ޝަރީފް ހާމަކޮށްފައެއްނުވެއެވެ.

އެހެން އިންތިޚާބުތަކެކޭ އެއްފަދައިން މިފަހަރުގެ އިންތިޚާބުގައިވެސް ބޭރުގެ ޤައުމުތަކުގެ ތެރެއިން އާންމުކޮށް ދިވެހިން ދިރިއުޅޭ ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި، ކުރީ އިންތިޚާބުގައި ވޯޓު ފޮށި ނުބަހައްޓާ ބައެއް ޤައުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާނެކަމަށެވެ. އެގޮތުން ކުރީގެ ރިޔާސީ އިންތިޚާބުގައި އިންޑިއާގެ ބެންގަލޫރުގައި ވޯޓު ފޮށި ބަހައްޓާފައި ނުވިނަމަވެސް މިފަހަރުގެ އިންތިޚާބުގައި ބެންގަލޫރުގައި ވޯޓު ފޮށްޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަން ޝަރީފް ވަނީ ފާހަގަކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކާއި، ބައެއް ރިސޯޓްތަކާއި، ސިނާޢީ މަސައްކަތްކުރާ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާނެއެވެ.