ޚަބަރު

އަޝްރަޤް ނާޡިރަށް އައިޔޫއެމްގެ ސްކޮލަރޝިޕެއް ދީފި


ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތް، އައްނޫރުލް މުބީން ގައި ރާއްޖެ ތަމްޞީލްކޮށް، މުބާރާތުން 3 ވަނަ ހޯދި އަޝްރަޤް ނާޡިރަށް އިސްލާމިކް ޔުނިވަރސިޓީން ސްކޮލަރޝިޕެއް ދީފިއެވެ.

އަޝްރަޤް ނާޡިރު ތަޢުލީމު ހާސިލްކުރަމުންދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. އެގޮތުން އެ ޔުނިވަރސިޓީން ވަނީ އަޝްރަގް ނާޡިރު މިހާރު ކިޔަވަމުންދާ ޑިގްރީ ކޯހުގެ ފީ މާޢާފުކޮށް، ކޯހުގެ ހުރިހާ ޚަރަދެއް ޔުނިވަރސިޓީން ބަލަހައްޓާ ގޮތަށް ހަމަޖައްސާފައެވެ. އަޝްރަޤު ކިޔަވަމުންދަނީ އައިޔޫއެމްގެ ޤުރުޢާން ޑިގްރީ ކޯހުގެ 2 ވަނަ ސެމިސްޓަރގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުން ތިންވަނަ ހޯދައި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަކީ މުޅި ދިވެހި ޤައުމު އެކަމަށް ފަޚުރުވެރިވާ ކަމެއްކަމަށެވެ. އަދި އަޝްރަޤް ހޯދި ކާމިޔާބީއަކީ ފޮނި ކާމިޔާބީއެއްކަމަށާއި، އެކަމާއި ވަރަށް ބޮޑަށް އުފާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އަޝްރަޤަށް ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ އައިޔޫއެމްގައި ބޭއްވި ބައްދަލުވުމެއްގައި ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އަޝްރަޤްވަނީ މީގެކުރިން ރާއްޖެއިން ބޭރުގައިއޮތް ޤުރުޢާން މުބާރާތެއްގައިވެސް ރާއްޖެ ތަމްސީލްކޮށްފައެވެ. އައްނޫރުލް މުބީން ޤުރުޢާން މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތައް ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ 9 ޤައުމަކުން ޤާރީން ބައިވެރިވިއެވެ. މުބާރާތް އިންތިޒާމްކޮށް ބޭއްވީ ޤުރުއާނާއިބެހޭ މަރުކަޒާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެންނެވެ.