ޚަބަރު

އެސްޓީއޯއިން ހެލްތް އިންސްޓިޓިއުޓެއް އުފައްދަނީ


ސިއްޙީ ދާއިރާއިން މީހުން ބިނާކޮށް ހުނަރު ތަރައްޤީކުރުމަށް އިންސްޓިޓިއުޓެއް ޤާއިމުކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ބޭރުގެ ކުންފުންޏެއް ކަމަށްވާ ޖެނެރަލް އިލެކްޓްރިކްސް، ޖީއީ-ހެލްތް ކެއަރއާއެކު އެސްޓީއޯއީންވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން، އުފައްދާ އިންސްޓިޓީއުޓުގައި ފުރަތަމަ ފިޔަވަހީގައި އެކްސްރޭ ޓެކްނީޝަނުން އުފެއްދުމާއި، މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ޒަމާނީ ވަޞީލަތްތަކަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރެވެ. ޖީއީ ހެލްތްކެއަރ ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމަރ އެންގޭޖްމަންޓްގެ މިސަރަޙައްދުގެ ހެޑް، މަރޫތު ސެތިއާއެވެ.

އެސްޓިއޯގެ އެމްޑީ އަޙުމަދު ޝަޙީރުގެ ވާހަކަފުޅުގައި، އެސްޓިއޯއަކީ ސިއްޙީ ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެއްކަން ފާހަގަކުރައްވައޮ މިދާއިރާއިން މީހުން ބިނާ ކުރުމަކީވެސް އެކުންފުނިން ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖީއީ ހެލްތްކެއަރގެ މިސަރަޙައްދުގެ ހެޑް މަރޫތު ސެތިއާ ވިދާޅުވީ، ހަމައެކަނި މެޝިނަރީޒްއިން ސިއްޙީ ޚިދުމަތް ފުރިހަމަ ނުވާނެ ކަމަށާއި ފަންނީ ތަމްރީނުތަކަކީ އިކުއިޕްމަންޓުގެ ބޭނުން އެކަށޭނެ ގޮތުގައި ހިފައި ސިއްޙީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސެއް ކަމަށް ވިދާޅުވިއެވެ.