ޚަބަރު

ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރަން ހުރަސްއަޅާނަމަ ޤާނޫނީ ފިޔަވަޅު އަޅާނަން - ފުލުހުން


ޤާނޫނާ ޚިލާފަށް އެމްޑީޕީމް ބާއްވަމުންދިޔަ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ މީޑިއާތަކުން ޤާނޫނާ ޚިލާފު ޢަމަލެއް ކުރާނަމަ ޤާނޫނީ ތަރަހައިގެ ތެރެއިން އެކަން ހުއްޓުވާނެ ކަމަށެވެ. އަދި މިހާރުވެސް ބައެއް ޓީވީ ސްޓޭޝަންތަކަށް ޤާނޫނާ ޚިލާފު ޚަބަރު ނުގެނެސްދިނުމަށް އަންގާފައިވާނެކަމަށާ ބައެއް މީޑިއާތަކުން މަސްލަހަތު ގެއްލޭ ގޮތަށް ޚަބަރު ފަތުރާކަން ފާހަގަކުރެވިފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ފުލުހުންނަކީ ރާއްޖޭގެ އަމަންއަމާންކަމާއި މަސަލަސްކަން ދެމެހެއްޓުމުގެ ޒިންމާ ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއެއްކަމަށާ ރާއްޖޭގެ އަމާންކަމާއި މަސްލަހަތު ޤާއިމުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއް ފުލުހުން ކުރާނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފަށް އެމްޑީޕީމް ބާއްވަމުންދިޔަ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް މާލެއާއި އެކި ރަށްރަށުގައި ފަށާފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ.
ޤާނޫނާ ޚިލާފަށް އެމްޑީޕީން ބާއްވަމުންދިޔަ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައިވަނީ ގ.ކެނެރީގެ، މުޙައްމަދު ނަޝީދަށް ވާދަކުރެވޭ ގޮތަށް، އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށާއި، އެކަން ހުއްޓުވުމަށް އެމްޑީޕީއަށް އަންގައި އަދި އެގޮތަށް އެ ޕްރައިމަރީ ބާއްވާނަމަ އެކަން ހުއްޓުވުމަށް ފުލުހުންނަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާކަމަށެވެ.

ނަޝީދު ގިނިކަންޏާ ކުރިމަތިލައްވާފައިވާ ޕްރައިމަރީ ހުއްޓާލުމުގެ އަމުރެއް ސިވިލް ކޯޓުން ނެރުނުއިރު، މިއަދު މެންދުރު ދޭއްޖެހިއިރު، އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެންގުމާ ޚިލާފަށް މާލެއާއި ރަށްރަށުގައި ފަށާފައެވެ.

ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފައެވެ. އެހެންކަމުން ނަޝީދު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު ޢަމަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވޭ.