ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފި


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުއަމުރުގައިވަނީ ގ.ކެނެރީގެ، މުޙައްމަދު ނަޝީދަށް ވާދަކުރެވޭ ގޮތަށް، އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށާއި، އެކަން ހުއްޓުވުމަށް އެމްޑީޕީއަށް އަންގައި އަދި އެގޮތަށް އެ ޕްރައިމަރީ ބާއްވާނަމަ އެކަން ހުއްޓުވުމަށް ފުލުހުންނަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރާކަމަށެވެ.

ނަޝީދު ގިނިކަންޏާ ކުރިމަތިލައްވާފައިވާ ޕްރައިމަރީ ހުއްޓާލުމުގެ އަމުރެއް ސިވިލް ކޯޓުން ނެރުނުއިރު، މިއަދު މެންދުރު ދޭއްޖެހިއިރު، އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެންގުމާ ޚިލާފަށް މާލެއާއި ރަށްރަށުގައި ފަށާފައެވެ.

ސިވިލް ކޯޓުން އަމުރު ނެރުމާއެކު ފުލުހުން އަންނަނީ އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީގެ ޕްރައިމަރީއަކީ ޤާނޫނު އަސާސީއާ ޚިލާފަށް ކުރިއަށްދާ ކަމެއްނަމަ އެކަން ހުއްޓުވުމަށް ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށްވެސް ސިޓީ ފޮނުވާފައެވެ.
ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ވަނީ ގެއްލިފައެވެ. އެހެންކަމުން ނަޝީދު ބައިވެރިކޮށްގެން ސިޔާސީ އެއްވެސް ހަރަކާތެއް އެމްޑީޕީން ހިންގުމަކީ ގާނޫނާ ޚިލާފު ޢަމަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރިމަތިލައްވާފައިވާއިރު، އެމަނިކުފާނަކީ ކްރިމިނަލް ކޯޓުން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ބޭފުޅެކެވެ. އަދި އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުންވެސް ވަނީ ތާޢީދުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ގެއްލިފައިވާ ބޭފުޅަކަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު އަސާސީ އާއި ޤާނޫނޫނާއި ޚިލާފު ކަމަކަށް ވާތީ މިފަދަ ކަމެއް އެމްޑީޕީ އިން ކޮށްފިނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 31 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީ އާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.