ޚަބަރު

ޤާނޫނާ ޚިލާފަށް އެމްޑީޕީން ޕްރައިމަރީ ބާއްވާނަމަ ހުއްޓުވަން އޭޖީގެ ލަފަޔަކަށް އެދިއްޖެ


ޤާނޫނު އަސާސީއާ ޚިލާފަށް އެމްޑީޕީން އެޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށްގެންދާނަމަ އެކަން ހުއްޓުވައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީން ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ރިޔާސީ ޕްރައިމަރީއާއި އެހެނިހެން ޙަރަކާތްތަކަކީ ޤާނޫނު އަސާސީއާ ޚިލާފަށް ކުރަމުންގެންދާ ކަމަކަށްވާނަމަ އެކަންކަން، ޤާނޫނީ ބާރު ބޭނުންކޮށްގެން ހުއްޓުވައިދެއްވުމަށް އެދި ބަންޑާރަ ނައިބު އަލްއުސްތާޛް މުޙައްމަދު އަނިލްއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޤަވާއިދާ ޚިލާފަށް ބާއްވާނަމަ ހުއްޓުވައިދިނުމަށް ހޯމް މިނިސްޓްރީއާއި ފުލުހުންގެ ކިބައިންވެސް އެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރިމަތިލައްވާފައިވާއިރު، އެމަނިކުފާނަކީ ކްރިމިނަލް ކޯޓުން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ބޭފުޅެކެވެ. އަދި އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމްކޯޓުންވެސް ވަނީ ތާޢީދުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ގެއްލިފައިވާ ބޭފުޅަކަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު އަސާސީ އާއި ޤާނޫނޫނާ ޚިލާފު ކަމަކަށްވާތީ މިފަދަ ކަމެއް އެމްޑީޕީން ކޮށްފިނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 31 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމެރީ ކުރިއަށްގެންދާނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަމަށް އެޕާޓީން ބުނިނަމަވެސް، އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ.