ކުޅިވަރު

ކޮލިފައިވުމުގެ މަސައްކަތް ނިމުނީ، ޔޫވީއަށް ހަމަކުރެވޭނެކަމަކަށް ނުދެކެން - ސުޒޭން


ރޭގެ މޮޅާއެކު ޕްރިމިއަރ ލީގަށް ކޮލިފައިވާން ގްރީންސްޓްރީޓުސް ކުރަންޖެހޭ މަސައްކަތުގެ 99 އިންސައްތަ ނިމުނީ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި 4-3 ން ޓީސީ ބަލި ކުރި މެޗަށް ފަހު ސުޒޭން ބުނީ ކޮލިފައި ވުމަށް ކުރަންޖެހޭ މަސައްކަތް ނިމުނީ ކަމަށާއި، ދެންއޮތީ މި މޮޅު ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި ހަމަޖެހިލި ގްރީންގެ ކޯޗު ބުނީ ދެން އެންމެ ގާތުގައި އޮތް ޔުނައިޓެޑް ވިކްޓްރީއަށް އޮތް ހަމައެކަނި ފުރުސަތަކީ ކުރިއަށް އޮތް ތިން މެޗުން މޮޅުވުން ކަމަށާއި، މެޗުތައް ދާ ގޮތަށް ބަލާއިރު އެއީ ވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

" މި ތިން ޕޮއިންޓާއެކު ގާތްގަނޑަކަން 99 ޕަސެންޓް ގްރީން ޕްރިމިއަރ ލީގަށް ކުރަންޖެހޭ މަސައްކަތް ނިމުނީ، ދެން ހަމަ 1 ޕަސެންޓް އެއީ މެއިންޓެއިން ކޮއްލުން ކަމަށް މި ބަލަނީ. އެއީ މިހާރު ދެން އެންމެ ކައިރީގައި އޮތް ޔުނައިޓެޑް ވިކްޓްރީއަށްވެސް ހަމަ ހުރިހާ މެޗަކުން މޮޅުވާން އުނދަގޫ ވާނެ ކަމަށް ޤަބޫލު ކުރެވެނީ މިހާރު މި މެޗުތައް ދާ ގޮތަށް ބަލާއިރު. އެހެންކަމުން ޖުމްލަކޮށް މީގެން ސަވައިވް ވާނެ ކަމަށް މި ނިންމަނީ" މެޗަށްފަހު ސުޒޭން ބުންޏެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައި ވުމުން ޓީސީން ބޭނުންވި ކަންތައް ވީ ކަމަށާއި، އެހެންކަމުން އެ ނިމުނީ ކަމަށެވެ. މެޗަށް ނުކުތްއިރުވެސް ޕްރިމިއަރ ލީގަށް ކޮލިފައިވެފައިވާ ޓީސީގެ ކޯޗު ބުނީ ދަނޑުމަތިން ކުޅުންތެރިންގެ ސީރިއަސްކަން ނުފެނުނީވެސް މަޤްސަދު ހާސިލް ވެފައި އޮތުމުން ކަމަށް ނިޒާމް ބުންޏެވެ. މެޗުގެ ރެފްރީންގެ ނިންމުންތަކަށް ޖުމްލަކޮށް ރެފްރީޒް ޑިޕާރޓްމަންޓަށްވެސް ނިޒާމް ވަނީ ފާޑުކިޔާފައެވެ.

ޓީސީގެ މައްޗަށް ގްރީން ކުރި ހޯދި މެޗުގައި ގްރީންގެ ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދައިދިނީ ބިދޭސީ ފޯވާޑް ރޮލެންޑް ރަސެލްއެވެ. ގްރީންގެ ފަހު ދެ ލަނޑު ޖަހައިދިނީ އަހުމަދު ރިލްވާންއެވެ. ޓީސީގެ ފުރަތަމަ ލަނޑަކީ ގްރީންގެ އޮލޭ ޔަފިމްޗަކް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޓީސީގެ ދެވަަނަ ލަނޑު ޖެހީ މުޙައްމަދު އައްޒާމްއެވެ. ފަހު ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ އިބްރާހީމް މަހުދީއެވެ.

ލީގް ތާވަލުގައި ގްރީން 13 ޕޮއިންޓާއެކު ހަ ވަނައިގައި އޮތްއިރު، ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތް ޕޮއިންޓް ލިބިގެން ތާވަލުގެ ހަތް ވަނައިގައެވެ.