ޚަބަރު

ބުރިޖުގެ ފުރަތަމަ މައި ތަނބާ ހަމައަށް ސްޕަރ ސްޓްރަކްޗަރގެ މާލެއާވީ ފަޅީގެ މަސައްކަތް ނިމިއްޖެ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ފުރަތަމަ މައި ތަނބާ ހަމައަށް ސްޕަރ ސްޓްރަކްޗަރގެ މާލެއާވީ ފަޅީގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ބުރިޖުގެ މަސައްކަތުގެ ތެރެއިން އެންމެފަހު ތަނބުތައް ގުޅާލުމުގެ މަސައްކަތް ޖުލައި މަހުގެ 9 ވަނަ ދުވަހަށް އެއްކޮށް ނިންމުމަށް އަމާޒުހިފާފައިވާއިރު، މާލެ ހިމެނޭ ސަރަޙައްދުގެ ބޮޑެތި މަސައްކަތްތައް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

"ބުރިޖުގެ މާލެ އާއި ވީކޮޅުގެ ޑެކް 715 މީޓަރަށް ވުރެ ދިގު. މިޑެކްގެ ބޮޑެތި މަސައްކަތްތައް މިހާރު ވަނީ ނިމިފަ." މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓުގައިވެއެވެ.

ބްރިޖުގެ މަސައްކަތްތަކުގެ ތެރެއިން މާލެއާވީ ސަރަޙައްދުގައި ހުރި ހުރިހާ ތަނބުތަކެއް ގުޅުވާ ނިމިފައިވާއިރު، ހުޅުލެއާވީ ކޮޅުން މައިތަނބުތަކުގެ ތެރެއިން ތިން ތަނބެއް އެއްކޮށް ގުޅުވާނިމި، ބާކީ ހުރި ދެ ތަނބުގެ ސުޕަރ ސްޓްރަކްޗަރގެ މަސައްކަތްތައްވެސް އަންނަނީ ކުރެވެމުންނެވެ.

މި މަސައްކަތްތައް ނިމުމުން ބްރިޖުގެ މަތީގައި ތާރު އެޅުމާއި ލައިޓު ހަރުކުރުން ފަދަ މަސައްކަތްތައް ފަށާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ބުރިޖުގެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާއިރު، ބުރިޖާއި ގުޅިގެން މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ މަގުތައް ފުޅާކޮށް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ވަރަށް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.