ޚަބަރު

ފޮރިން މިނިސްޓަރ އާސިމް ލަންކާގެ ފޮރިން މިނިސްޓަރަށް ތައުޒިއްޔާގެ މެސެޖެއް ފޮނުއްވައިފި


ސްރީ ލަންކާގައި ބޯކޮށްވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން މީހުން މަރުވެ، ގިނަ ގެއްލުންތަކެއް ލިބުމާގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ޑރ މުޙައްމަދު އާސިމް، ލަންކާގެ ފޮރިން މިނިސްޓަރ ތިލަކް ޖަނަކަ-މަރަޕަނައަށް ތައުޒިއްޔާގެ މެސެޖެއް ފޮނުވައިފިއެވެ.

ލަންކާގެ ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި އެކިއެކި ހާދިސާގައި 20 ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން މަޢުލޫމާތުދެއެވެ. ފޮރިން މިނިސްޓަރ، ލަންކާގެ ފޮރިން މިނިސްޓަރަށް ފޮނުއްވި މެސެޖްގައި އެ ޙަބަރު ލިބިވަޑައިގަތުމުން ހިތާމަކުރައްވާ ކަމުގައި ވިދާޅުވެ، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޙުލާސްތެރިކަމާއެކީ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއްޔާ ރައްދުކޮށްދެއްވުމަށް، މިނިސްޓަރގެ މެސެޖުގައި އެދިވަޑައިގެންނެވިއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހިނގާފައިވާ ހާދިސާތަކުގެ އަސަރު އެޤައުމުގެ 19 ޑިސްޓްރިކްޓެއްގެ 150 ވުރެގިނަ ރައްޔިތުންނަށް ކޮށްފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިމީހުންނަށް އެހީތެރިވުމަށް ލަންކާ ސަރުކާރާ، ކަމާބެހޭ ފަރާތްތަކުންދަނީ މަސައްތަކުރަމުންނެވެ.