ޚަބަރު

"ގެޓްސެޓް" ލޯން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ "ގެޓްސެޓް"ގެ މިއަހަރުގެ ލޯނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޝައުޤުވެރިވާ ޢުމުރުން އަށާރަ އަހަރާއި، ތިރީސްފަސް އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މިޕްރޮގްރާމުގެ އެޕްލިކޭޝަން ތައްބަލައިގަތުމައް ހަމަޖެހިފައިވަނީ ޖޫން މަހުގެ 24 އިން 28 ގެ ނިޔަލަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ގެޓްސެޓްގެ ޕްރޮގްރާމުގެ މެނޭޖަރ މަހީލް ޢަލީ ޖަލީލް ވިދާޅުވީ ގެޓްސެޓް ލޯނަށް ކޮންމެ އަހަރަކުވެސް 40 މިލިޔަން ރުފިޔާގެ ފަންޑެއް ހަމަޖައްސާކަމަށެވެ. އޭގެ ތެރެއިން ލޯނަށް ކުރިމަތިލެވޭނީ އަލަށް ފަށާ ވިޔަފާރީގެ ޕްރޮޕޯސަލަކާ އެކު 18 އަހަރާއި 35 އަހަރާ ދެމެދުގެ ދެ ޒުވާނުންނަށާއި ކޮންމެ ދާއިރާއެއްގެ ވިޔަފާރިއެއް ފެށުމަށްވެސް ހުށެހެޅޭނެކަމަށެވެ.

"ތައްޔާރުވުމަށް އެއްމަސް ދުވަސް މިދެނީ. ބައެއް ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑުކުރައްވާ. އެހެން ނުހައްދަވައި ވަގުތުއޮއްވައި އެޕްލިކޭޝަން ސަބްމިޓުކުރައްވާ. ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވަނީ ތިންލައްކަ ރުފިޔާއާއި އަށްލައްކަ ރުފިޔާއާ ދެމެދުގެ ޢަދަދެއް" މަހީލް ޢަލީ ޖަލީލް ވިދާޅުވިއެވެ.

މިދިޔަ ދެއަހަރު ގެޓްސެޓް ލޯނަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން އިކޮނަމިކް މިނިސްޓްރީން ފާހަގަކުރެއެވެ. މިގޮތުންމިދިޔަ ދެއަހަރު 71 ލޯން ދޫކޮށްފައިވާއިރު ފުރަތަމަ ބުރުގައި ތިރީސް ހަތަރެއް، އަދި ދެވަނަ ބުރުގައި ތިރީސް ހަތް މީހުންނަށް ލޯން ދޫކޮށްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ އެޕްލިކޭޝަން ބަލައިގަތުން ކުރިއަށް ގެންދާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޢިމާރާތުގެ އިތުރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހިންގާ ބިޒްނަސް ސެންޓަރުތަކުންކަމަށެވެ.