ކުޅިވަރު

މާޒިޔާ ދިވެހި ލީގަށް، ޔޫވީއަށް ފުރުޞަތު ހަނިވެއްޖެ!


ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް، މާޒިޔާ ދިވެހި ޕްރިމިއަރ ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މި މެޗުގައި މާޒިޔާއަށް ފުރަތަމަ ލީޑު ނަގައިދިނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ނާއިޒް ހަސަން (ދާދު)އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ، އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެންނެވެ. މި ލަނޑު ޖެހުމުގެ ކުރިންވެސް ދާދުއަށް ވަނީ ގޯލެއް ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މުޅި މެޗުގައިވެސް އޭނާ މޮޅަށް ކުޅުނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ވަނީ ނުރައްކާތެރި ބޯޅަތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެހެންނަމަވެސް މި ހުރިހާ ހަމަލާތަކެއްގެވެސް ހުރަހަކަށްވީ ޔޫވީގެ ކީޕަރ ތޮލާލް ހަސަން (ޓޮޕްލަކް)އެވެ. އޭނާ ވަނީ މި މެޗުގެ ދެވަނަ ހާފުގައި ރަގަޅު ސޭވް ތަކެއް ކޮށްފައެވެ. މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ދާދު ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗަކީ އަސަދުﷲ އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ 20 ޕޮއިންޓް ހޯދައިގެން ތާވަލްގެ ދެވަނަ މަޤާމަށް ޖެހިލާފައެވެ. އަދި ޕްރިމިއަރ ލީގުން ޖާގައެއްވެސް ކަށަވަރުކޮށްފައެވެ. މާޒިޔާއާއެކު ދިވެހި ޕްރިމިއަރ ލީގަށް ދަތުރުކުރި ފަސް ޓީމެއް މިހާރު ވަނީ ޔަޤީންވެފައެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބް، ވިކްޓްރީ ސްޕޯރޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ކްލަބް އީގަލްސްއެވެ. ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބޭނީ މާލޭ ލީގުގެ ގަދަ ހަ ޓީމަށާއި، މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމަށެވެ. ދިވެހި ޕްރިމިއަރ ލީގުގެ ފަހު ޖާގައަށް ވާދަކުރާ ދެ ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.