ޚަބަރު

އެމްއެމްއައި އިން ފުލުހުންނަށް ހިންގި މީޑިއާ ކޯހުގެ ދަސްވެނިވުން ބާއްވައިފި


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ފުލުހުންނަށް ހިންގި މީޑިއާ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޚަލީލެވެ.

އޭޕްރީލް މަހުގެ ނަވާވީހުން މި މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯހުގައި ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކުރާ ބާރަ ފުލުހަކުވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހަތަރު އަންހެން ފުލުހުންނާއި އަށް ފިރިހެން ފުލުހުން ހިމެނެއެވެ.

މިކޯހުގައި، ނޫސްވެރިން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ފުލުހުން އަދާކުރަންޖެހޭ ދައުރާއި، ފޮޓޯ ގްރަފީއާއި، ސްޓިލް ފޮޓޯގްރަފީ، ވީޑިއޯ ގްރަފީ އަދި ވީޑިއޯ އެޑިޓިންގެ ދާއިރާއިން ކިޔަވައި ދީފައިވެއެވެ.

މި ކޯހުގައި ކިޔަވާދެއްވީ އެމްއެމްއައިގެ ފުންނާބު އުސް މުދައްރިބުންނެވެ.

މި ހަފްލާގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް އޮފް އޮފީސް އޮފް ދި ކޮމިޝަނަރ ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.