ކްލިކް ކޮލެޖުގެ 135 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ދަސްވެނިވުމުގެ ޖަލްސާގައި ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހެރިއެޓް ވޮޓް ޔުނިވަސިޓީގެ ޑިގްރީ ކޯސް ތަކާއި، އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސްގެ ކޯސް ތަކާއި، ޑިޕްލޮމާ އަދި ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކާއި އޭ،ސީސީއޭގެ ސަޓިފައިޑް އެކައުންޓިން ޓެކްނީޝަން ކޯސް ފުރިހަމަ ކުރި ދަރިވަރުން ހިމެނެއެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ޝަރަފްވެރި ކޮއްދެއްވި މި ރަސްމިޔާތުގައި 135 ދަރިވަރަކަށް ކޯސް ނިންމި ކަމުގެ ސަނަދު ދީފައިވެއެވެ.
2003 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކްލިކް ކޮލެޖުގެ ދަރިވަރުން އަންނަނީ ޓޮޕްޕޭޕަރ ޕްރައިޒް ހޯދަމުންނެވެ. ޓޮޕްޕޭޕަރ ޕްރައިޒް އަކީ އޭބީއީއިން ބާއްވާ އިންޓަނޭޝަނަލް ޓެސްޓުން އެމާއްދާ އަކުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށްދޭ އެވޯޑެކެވެ. ޓޮޕްޕޭޕަރ ޕްރައިޒް ލިބުމަކީ އޭބީއީގެ 423 އެކްރެޑިޓް ކޮލެޖްގެ ތެރެއިން ފާހަގަ ކޮއްލެވޭ ކުރިއެރުމެއް ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.
މީގެ އިތުރުން ފާހަގަ ކޮށްލެވޭ ލެކްޗަރާއިންނަށް އެވާޑް އޮފް އެކްސަލެންސްގެ ނަމުގައި ސެޓްފިކެޓް ދިނެވެ. އެގޮތުން މި ފަހަރު އެވާޑް އޮފް އެކްސެލެންސް ލިބިލެއްވީ އަޝްރަފް މުހަންމަދު އަލީއާއި އަހްމަދް ނާސިފަށެވެ.
ކްލިކް ކޮލެޖްއަކީ ގިނަ ދާއިރާތަކުން ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދީ، އެދާއިރާތަކުން ކޯސްތައް ހިންގަމުން އަންނަ އަމިއްލަ ކޮލެޖެކެވެ.