ޚަބަރު

އައްޑޫސިޓީ ސްކޫލްތަކުގެ ޓީޗަރުންނާއި ޓެބްލެޓް ހަވާލްކޮށްފި


ރާއްޖޭގެ ހުރިހާ ސްކޫލެއް، ޑިޖިޓަލައިޒްކޮށް ޒަމާނީ ފެންވަރުގައި ކިޔަވައިދޭ ސްކޫލަތަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އައްޑޫސިޓީ ސްކޫލަތަކުގެ ޓިޗަރުންނަށް ޓެބްލެޓް ހަވާލްކުރަން ފަށައިފިއެވެ.

އައްޑޫސިޓީގެ ސްކޫލްތަކުގެ ޓީޗަރުންނާ ޓެބްލެޓް ޙަވާލުކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވާފައިވަނީ މިއަދު އައްޑޫހައިސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝާކިރެވެ. މި ރަސްމިއްޔާތުގައި އައްޑޫގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕްލުންވަނީ ބައިވެރިވެފައެވެ. އައްޑޫސިޓީގެ ސްކޫލްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓެބްލެޓް ހަވާލްކޮށްފައިވަނީ އައްޑޫހައިސްކޫލްގެ މުދައްރިސުންނާއެވެ.

އައްޑޫސިޓީގެ އެކި ސްކޫލަތަކުގައި މަސައްކަތަކުރަމުންދާ ޖުމްލަ 300 ޓީޗަރުންނާ، ޓެބްލެޓް ހަވާލުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝާކިރު ވިދާޅުވިއެވެ. ޝާކިރް ވިދާޅުވީ ދަރިވަރުންނަށްވުރެން ކުރިން ޓީޗަރުންނާ ޓެބްލެޓްތައް ހަވާލްކުރަނީ، ޓީޗަރުން މިކަމަށް އަހުލުވެރިކުރުވުމަށްކަމަށާ އަންނަ ޖޫންމަހު 18ވަނަ ދުވަހުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެބްލެޓެ ހަވާލުކޮށް ނިމޭނެކަމަށެވެ.

"އެންމެ ފުރަތަމަ މިޓެބްލެޓްތައް ހަވަލްކުރަނީ ޓީޗަރުންނާ. އެއީ ޓީޗަރުން ޓްރެއިނިންގް ނިންމާފައި އޮތުމާއިއެކު ޓެބްލެޓްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދުނުމުގައި އިތުރަށް އަހުލުވެރިކުރުމުގެ ފުރުސަތް ދިނުމުގެގޮތުން. ދަރިވަރުންނަށް ޓެބްލެޓް ދިނުމުގައި ކުރިއަށްދާނެ ޕްރޮސެސް މިއަށްވުރެން ބޮޑުވާނެ. ދަރިވަރުންނަށް ޓެބްލެޓްތައްދީ ނިންމާލެވޭނެ މިއަންނަ ޖޫންމަހުގެ 18ގެ ކުރިން." ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ ސްކޫލްތައް ޑިޖިޓަލައިޒްކުރުމުން، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފަސޭހަކަމާއިއެކު އެއްތަނަކުން ލިބޭނެގޮތް ފަހިވެގެންދާނެކަމަށާ، މިކަމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތައްވެސް ވަރަށް ބޮޑު ލުއެއް އަންނާނެކަމަށެވެ.

ސްކޫލްތައް ޑިޖިޓަލައިޒްކޮށް ޒަމާނީ ފެންވަރަށް ކިޔަވައިދެއްވުމަށް މިއަދުގެ ސަރުކާރުން މަގުފަހިކޮށްދީފައިވާއިރު މި އާބަދަލުގެ ސަބަބުން ކިޔަވައިދިނުމުގައި ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް މުދައްރިސުންނާއި، ބެލެނިވެރިންވެސް ޤަބޫލުކުރެއެވެ.

އައްޑޫސިޓީގެ ސްކޫލްތަކުގެ އިތުރުން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައްވެސް ވަނީ ބަހަން ފަށާފައެވެ. މީގެއިތުރުން ރާއްޖޭގެ އެންމެ އުތުރުން ހއ.އަތޮޅާއި، ހދ.އަތޮޅުގެ ސްކޫލްތަކަށްވެސް ޓެބްލެޓް ހަވާލުކުރަންފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.