ރޯދަ ޚާއްޞަ

ރަމަޞާންމަހު ކެއުމުގެ އާދަކާދަ ސިއްހަތައް އެންމެ ފައިދާހުރިގޮތަށް ބަދަލު ކުރަމާ!



ރަމަޞާން މަހަކީ އާދައިގެ މަސްތަކާ ހިލާފަށް ލޮނު، ތެޔޮ އަދި ފޮނީގެ ބާވަތްތައް ސުފްރާމަތިން ގިނަ އަދަދަކަށް ފެންނަ މަހެކެވެ. މިއީ ހަމައެކަނި ރާއްޖޭގައި މިކަން ހިނގާގޮތެއްވެސް ނޫނެވެ. ހަކުރު އަދި ލޮނުގަދަ ތަކެއްޗާ ތެޔޮ އެއްޗެތި ގިނައިން ބޭނުންކުރުމަކީ ސިއްހީގޮތުން ގެއްލުން ލިބޭކަމަކަށްވާއިރު، މިކަމުގެ ސަބަބުން ހަކުރު ބައްޔާ، ލޭ މައްޗަށް ދިއުން އަދި އެހެނިހެން ބަލިތައް އިތުރުވުމަކީ އެކަށީގެންވާކަމެކެވެ.
ރޯދަ ވީއްލާ ވަގުތު، ތަރާވީސްދަމު އަދި ހާރުގަޑިއަށްވެސް ސިއްހަތައް ފައިދާހުރި ކާބޯތަކެތި ހިޔާރުކުރުން އެއީ މުހިންމުކަމެކެވެ. އައިޖީއެމްއެޗްގެ ޑައިޓިޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވީ ރޯދަމަހާއިދިމާކޮށް ބަރުދަން އިތުރުވުވުމާ، ގޭހުގެ މައްސަލަތަކާ، ފެންމަދުވުމުގެ މައްސަލަތައް އިތުރުވާކަމަށާ، މިކަންކަން ހައްލުކުރުމަށް
"އެންމެ ފުރަތަމަ ބަލާލަންޖެހެނީ ކާވަގުތުތަކަށް. ރަމަޞާންމަހަށް ބަލާނަމަ އެއީ ރޯދަވީއްލާގަޑިއާ، ތަރާވީސްދަމާ އަދި ހާރުދަމު. ހުރިހާ ގަޑިއެއްގައިވެސް ކޮންމެވެސް ވަރަކަށްކާންވާނެ. ނަމަވެސް ހާރުދަމުގެ ކެއުން ވީހާވެސް ލަސްކޮށްފައިކެއުން ރަގަޅީ. ވަގުތުތައް ރަގަޅުކުރުމަށްފަހު ދެން ބަލަން މިޖެހެނީ ބަރުދަން އިތުރުވުމަށްދިމާވާ މައްސަލަތަކަށް. މިގޮތުން ފޮނި އެއްޗެތި ބޭނުންކުރާލެއް މަދުކުރުން މުހިންމު. މިކަންކުރުމަށް ފަހިގިރާއިރު ހަކުރު މަދުން އެޅުން، ނޫނީ ފަނީގެ ބަދަލުގައި ތާޒާ މޭވާ ކެއުން ރަގަނޅު. ބަރުދަން އިތުރުވުމާ، މޭންދިލަ ނެގުމާ، ކަރުހިއްކުން ހައްލުކުރުމަށް ތެލުގެ ބާވަތް މަދުކުރުން މުހިންމު. އެހެންވެ ހެދިކާވެސް ތެއްލުމުގެ ބަދަލުގައި ފިހުން ރަގަނޅު. އަދި ކުރެވިދާނެ އެއްކަމަކީ ކާށި ހުނި ކާށިކިރުވެސް މަދުކުރުން. ކާއެއްޗެތި ތައްޔާރުކުރާއިރު ލޮނު މަޑުކުރީމަ ކަރުހިއްކުން އަދި އެހެން މައްސަލަތައް ކުޑަވާނެ."
އާސިޔާ ވިދާޅުވީ ރަމަޞާންމަހާދިމާކޮށް ކިރުގެ ބާވަތް ބޭނުންކުރެވޭލެއް މަދުވުމުން މީހާގެ ސިއްހަތައް މިކަމުގެ އަސަރުކުރާނެކަމަށެވެ. އެހެންކަމުން ކިރުގެ ބާވަތްތައް ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސްކުރިއެވެ.
ސިއްހަތާމެދު ވިސްނާނަމަ ކެއުންބުއިމުގައި ތާޒާ މޭވާ، ތަރުކާރި، ބަތްޕެނާ، ފެނުކެއްކި ހެދިކާ، ނަޓްސް އަދި ސޫޕްގެ ބާވަތްތައް ބޭނުންކުރުން ހިޔާރުކުރެވިދާނެއެވެ. އެއްފަހަރާ ގިނައިން ކެއުމަކީވެސް މީހާ ބަރުހެލިވެ، ބަޑުގައި ގޭސް އުފެދި މީހާއަށް އުދަގޫވާނެ އާދައެކެވެ. އޭގެ ބަދަލުގައި ރޯދަ ވީއްލާގަޑީގައި މަދުން ކެއުމަށްފަހު ތަރާވީސްގަޑީގައި އެއްޗެއް ކާލުން އެއީ ބުއްދިވެރިވިސްނުމެކެވެ. ހާރުދަމު ގަޑިއަށް ތެލުލި މަހުގެ ބަދަލުގައި މަސް ފިހުން އަދި ރިހައިގެ ބަދަލުގައި ގަރުދިޔަ ފަދަ ތަކެތި ކެއުންވެސް އެއީ ކުރެވިދާނެކަމެކެވެ.
އެހެން މަސްތަކަށްވުރެ ކެއުމުގެ އާދަކާދަ އިތުރުވާ ރަމަޞާންމަހު ކަސްރަތުކުރުމާ ހެލިފެލިވެއުޅުންއެއީ މުހިންމުކަމެކެވެ. ކެއުން އެހާ ގިނަވާ މަހެއްގައި ހެލިފެލިވެ އުޅުމާ ކަސްރަތުގެ ބައިވެސް އިތުރުކުރުން މުހިންމެވެ.
ކޮންމެއަކަސް ދިވެހިންގެ މެދުގައިވެސް އެކިކަހަލަ ކާނާ ތައްޔާރުކޮށް، ބޭނުންކުރުން އިތުރުވަމުންދާއިރު، ސިއްހަތައް ފައިދާހުރި ގޮތްގޮތައް މިތަކެތި ތައްޔާރުކޮށް ބޭނުންކުރުން އެއީ އެކިއެކި ބަލިތަކުން ސަލާމަތްވެ، މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވެގެންދާނެކަމެކެވެ.

ފަލަޑޭ

ތީ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ