ޚަބަރު

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ ދަށުން މާލެއިން 8000 މީހުންނަށް ލައިސަންސް ދޫކުރާނެ


"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ ދަށުން މާލެއިން އަށްހާސް މީހުންނަށް ލައިސަންސް ދޫކުރެވޭނެކަމަށް ލަފާކުރާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

"އެއްލަކިން މަށަސް ލައިސަންސް" ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ. ފުރަތަމަ ރޭ އެކަނިވެސް ފަސް ހާހަށްވުރެ ގިނަ މީހުން ލައިސަންސް ހޯދުމަށްޓަކައި ކިއުގައި ޖެހުނުއެވެ. އަދި ދެވަނަ ރޭ ވަނީ ފުރަތަމަ ރޭ ދޫކުރި ޓޯކަން ނަމްބަރުތަކުގެ ތެރެއިން ޚިދުމަތް ނުދެވުނު ފަރާތްތަކަށް ޚާއްޞަކޮށްގެން ލައިސަންސް ދޫކޮށްފައެވެ.
މި ޕްރޮގްރާމްގެ ދަށުން ލައިސަންސް ދޫކުރަމުންދަނީ ކުރިންވެސް ލައިސަންސް ނެގުމަށްޓަކައި ހަދަންޖެހޭ ހުރިހާ ޓެސްޓްތަކެއް ހެދުމަށްފަހުއެވެ. އެހެންކަމުން މިހަރަކާތުގައިވެސް ލައިސަންސް ލިބެންނުޖެހޭ، ނުވަތަ ދުއްވަން ނޭގޭ އެއްވެސް ޒުވާނަކަށް ލައިސަންސް ނުލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިކޮނިމިކް މިނިސްޓަރުގެ ނާއިބު ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ ދަށުން މާލޭގައި އަށްހާހަށްވުރެ ގިނަ މީހުންނަށް ލައިސަންސް ދޫކުރާނެކަމަށެވެ. ފުރަތަމަ ރޭ ދިމާވި ހުރިހާ މައްސަލައެއް މިހާރު ހައްލުކޮށް، ވަސީލަތުގެ ގޮތުންވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ޒުވާނުން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ހިންގޭ މުހިންމު ޕްރޮގްރާމެއްކަމަށް ޢަބްދުﷲ ފާހަގަކުރެއްވިއެވެ.

" ކުރިން ދިމާވި ޓެކްނިކަލް މައްސަލަތައް ނޫން ހުރިހާ މައްސަލައެއް މިހާރު މިވަނީ ހައްލުކުރެވިފައި. މީގެ ކުރިން ވަރަށް ކުށްވެރިވެފައިތިބި ގިނަ ޢަދަދެއްގެ ޒުވާނުންނަށް އިސްލާހުވުމަށް ފުރުސަތު ލިބި ޤާނޫނީ އިމުގެ ތެރެއަށް އައުމަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބިގެންދާނެ. އަޅުގަނޑުމެން މިހާރު ނަންބަރު ދޫކުރާ އުސޫލަށްވެސް ބަދަލުތަކެއް ގެންނަން މިވަނީ ނިންމާފައި. ޓޯކަން ނަމްބަރާއެކީ ހުރިހާ ޑޮކިއުމަންޓްރީއެއްވެސް ލިބެން ހުންނާނެ.

"އެއްލަކިން މަށަސް ލައިސަންސް" ޕްރޮގްރާމްގެ ދަށުން ޓްރެފިކް ޤަވާއިދާއި ޚިލާފުވެގެން ޖޫރިމަނާކޮށްފައިވާ ޒުވާނުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެއެވެ. އަބްދުﷲ މުހައްމަދު ވިދާޅުވީ ޓްރެފިކް ކުށްތަކަށް އަރައިގަނެ ދައުލަތަށް ފައިސާ ދައްކަންޖެހިފައިވާ ޒުވާނުންނަށް ލައިސަންސް ދޫކުރާނީ އެ ފައިސާ ދައުލަތަށް ދައްކަންޖެހޭ ގޮތަށް އެކުލަވާލާ ޚާއްޞަ އެއްބަސްވުމެއްގެ ދަށުންކަމަށެވެ. އެގޮތުން މި އެއްބަސްވުން އެކުލަވާލަނީ އެއްހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚާލާސްކުރުމަށް އެއްބަސްވާ ފަރާތްތަކާއި އެކުކަމަށާއި ފައިސާ ނުދައްކައިފިނަމަ ލައިސަންސް ހިފަހައްޓާނެކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

"ޓްރެފިކް ވައިލަންސްގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާ ފައިސާ މަޢާފްކުރުމަށް އެކުލަވާލާ ޤަވާއިދު އަޅުގަނޑުމެން މިއަދު ގެޒެޓްކުރުމަށްފަހު މިއަދު ޢަމަލުކުރަން ފަށާނަން. މިގޮތުން އަޅުގަނޑުމެން އެކުލަވާލާ އެގްރިމެންޓެއްގައި ސޮއިކުރާ ފަރާތަކަށް މި ފުރުޞަތު ލިބޭނީ އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމަށް. މީ ވަރަށް ވަގުތު ހޭދަވާކަމަކަށްވާތީ ހުރިހާ ބޭފުޅުންވެސް ވަރަށް ކެތްތެރިކަމާއެކު ތިއްބަވަންޖެހޭނެ."

މި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުން ވަނީ ކުރިން ގިނަ ދުވަހުން ނެގޭ ލައިސަންސް އެންމެ ދުވަހަކުން ނެގޭތީ އެކަމާ ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. މި ޕްރޮގްރާމް މާލޭ ސިޓީގެ އިތުރުން ހުޅުމާލެއާއި، ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި ކުރިއަށްގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.