ޚަބަރު

ވޯލްޑް ހެލްތް އެސެމްބްލީގެ 71 ވަނަ ބައްދަލުވުން ނިންމާލައިފި


މިއަހަރުގެ ހެލްތް އެސެމްބްލީގައި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ސްޓެރެޓިޖިކް ޕްލޭން ފާސްކޮށް ވޯލްޑް ހެލްތް އެސެމްބްލީގެ 71 ވަނަ ބައްދަލުވުން ނިންމާލައިފިއެވެ.

މި ޕްލޭންގައި ސިއްޙީދާއިރާއިން ޚާއްޞަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް ސިއްޙަތުގެ ކައުނީހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރު ދަށްކުރުމަށާއި ސިއްޙީ ދާއިރާއިން ޢާއްމު ސިއްޙަތާގުޅުން ހުރި އިމަރޖެންސީ ޙާލަތްތަކަށް އިތުރަށް ތައްޔާރުވުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ 194 މެމްބަރު ޤައުމުން ބައިވެރިވި މި ބައްދަލުވުމުގައި ސިއްޚަތާ ބެހޭ ގޮތުން މުހިއްމު ބައިނަލްއަޤްވާމީ 23 ނިންމުމެއް ވަނީ ނިންމާފައެވެ. މިއަހަރުގެ ހެލްތް އެސެމްބްލީގެ ނައިބް ރައީސްއެއްގެ މަޤާމް ދިވެހިރާއްޖޭގެ ފަރާތުން ހެލްތް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުލް ސަމަދު ޢަބްދުﷲ ވަނީ އަދާކޮށްފައެވެ.

ދިވެހި ވަފުދުން ވަނީ މި ބައްދަލުވުމުގެ ހަވާސާގައި މެލޭޝިއާ، ޗައިނާ، ތައިލޭންޑް، ނޭޕާލް ސައިޕްރަސްއާއި ސްޓޮޕް ޓީބީގެ ވަފްދާއެކު ބައްދަލުކުރައްވާފައިވެއެވެ. މި ގޮތުން މިބައްދަލުވުންތަކުގައި ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެ ތެރެއިން ސިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމާއި އާއްމު ސިއްޙަތުގެ ދާއިރާއާއި ސިއްޙީ ޚިދުމަތް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

71 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގައި ރާއްޖެއިން ވަނީ ތިން ސައިޑް އިވެންޓެއް ކޯ-ސްޕޮންސަރވެސް ކޮށްފައެވެ. މީގެ ތެރޭގައި އެޗްއައިވީ އެއިޑްސްއާ ގުޅުން ހުރި އިވެންޓްތަކާއި މެލޭރިއާ ނައްތާލާފައިވާ ޤައުމުތަކާއި ނައްތާލުމަށް މަސައްކަތް މަސައްކަތްކުރާ ޤައުތަކުގެ ތަޖްރިބާ ހިއްސާކުރުމުގެ އިވެންޓްވެސް ކޯ ސްޕޮންސަރ ކޮށްފައެވެއެވެ. އަދި ސިއްޙަތުގެ ކައުނީހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތް ހިއްސާކުރުމަށް ބޭއްވި އިވެންޓްވެސް ރާއްޖެއިން ވަނީ ކޯ ސްޕޮންސަރ ކޮށްފައެވެ. މި ބައްދަލުވުންތަކުގެ އިތުރުންވެސް ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްޞަ ފަންނީ ބައްދަލުވުމުގައި ރާއްޖެއިން ޚާއްޞަކޮށް ކުދިޤައުމުތަކަށް ތިމާވެށީގެ ފަރާތުން ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރާ މަސައްކަތްތަކާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރުތަކަށް އަލިއަޅުވިއެވެ.