ތަޢުލީމު

އަތޮޅުތަކުގެ ސްކޫލްތަކުގެ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ހަވާލުކުރަން ފަށައިފި


ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ޝިޕް ކުރުމުގެ މަސައްކަތް މި ހަފްތާ ބަންދުގައި ފަށާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޝިޕްމަންޓްތައް ސްކޫލްތަކަށް ލިބި، ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅާއި ހދ. އަތޮޅުގެ ސްކޫލްތަކުގެ އިތުރުން، ރާއްޖޭގެ ދެކުނުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ސްކޫލްތަކުގެ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ބަހަން ފަށާފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޓެކްނޮލޮޖީއާއި ރައްޓެހި މާޙައުލެއްގައި ތަޢުލީމު އުނގެނުމަށާއި، އުނގަންނައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ހަވާލުކުރަން ސަރުކާރުން ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ސަތާރަ ސަތޭކަ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓް މިހާރު ވަނީ ހަވާލުކޮށް ނިންމާފައެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގާތްގަނޑަކަށް އަށްހާހާ ގާތްކުރާ ޢަދަދަކަށް މުދައްރިސުން ކިޔަވައިދެމުން ގެންދެއެވެ.

ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ހުރިހާ ސްކޫލެއް މިހާރު ވަނީ ހައިސްޕީޑްގެ އިންޓަރނެޓާއެކު ވައިފައި ކޮށްފައެވެ. މުޅި މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަތްދިހަ ހަތްހާސް ޓެބްލެޓް ޓީޗަރުންނަށާއި، ދަރިވަރުންނަށް ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވިހި ހާސް ޓެބްލެޓް ރާއްޖެ ގެނެސްފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭ ފުރަތަމަ ދުވަހުން ފެށިގެން ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރަން ފަށާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢުގެ ދަށުން، ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓް ގެނެސްފައިވަނީ މެކްސްކޮމް ޓެކްނޮލަޖީއާ ހަވާލުކޮށްގެންނެވެ.