ކުޅިވަރު

ޗެމްޕިއަންސް ލީގު ތަށި ހޯދާނީ ކޮންބައެއް؟


ޔުރްކޭނުގެ ކިއޭވުގައި މިރޭ ރެއާލް މެޑްރިޑާއި ލިވަޕޫލް އެއްބަޔަކު އަނެއްބަޔަކާ ސަލާމް ކުރަމުން ނުކުންނާނީ މި އަހަރުގެ އެންމެ ފޯރިގަދަ ފައިނަލް މެޗަށެވެ.

ރެއާލް ނުކުންނާނީ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދާ ފުރަތަމަ ޓީމަށް ވުމަށެވެ. މި ކާމިޔާބީ ހޯދައިފިނަމަ ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަށް ހަތަރު ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ ފަހުރު ލިބިގެންދާނެއެވެ. އެކަމަކު މީގެ ތެރެއިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ހާއްސަ ކުޅުންތެރިއެކެވެ. މިރޭ ތަށި ލިބިއްޖެނަމަ ރޮނާލްޑޯ ފަސް ވަނަ ފަހަރަށް ޔޫރަޕުގެ އެންމެ ޝަރަފުވެރި ތަށި އުފުލާލާނެއެވެ.

މިއީ ލިވަޕޫލާއި ބާސެލޯނާ އަދި ބަޔާން މިއުނިކަށް ބަލާލަން ކެތްވާނެ މަންޒަރެއްނޫނެވެ. ޒަމާންވީ މިއިން ކޮންމެ ކުލަބަކަށް ވެސް މިހާތަނަށް ޗެމްޕިއަންސް ލީގު ލިބިފައިވަނީ ފަސް ފަހަރުއެވެ. މިހެންވެ ރޮނާލްޑޯ ފަދަ މި ކުލަބުތަކާ ބޮޑު ވާދަވެރިކަމެއް އޮންނަ ކުޅުންތެރިއަކު މި އަދަދާ ހަމަހަމަ ކުރުމަކީ އެމީހުންނަށް ކުރިމަތިވާނެ ވަރަށް ލަދުވެތި މަލާމާތެކެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް މެޑްރިޑެވެ. އެމީހުން މިރޭގެ ފައިނަލަށް ނުކުންނަނީ 13 ވަނަ ފަހަރަށް ތަށި ހޯދުމުގެ މަތިވެރި އަޒުމުގައެވެ. މި ތަށި ލިބިއްޖެނަމަ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވެގެންދާނީ މި ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދާ ފުރަތަމަ ކޯޗަށެވެ.

މިހެންވެ މިއީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަ ފައިނަލަކަށްވާނެއެވެ. ރެއާލްއާ ހިލާފަށް ލިވަޕޫލްގައި ތިބީ މި ތަށި އުފުލާލުމުގެ ނަސީބު މިހާތަނަށް ލިބިފައިނެތް ކުޅުންތެރިންނެވެ. ލިވަޕޫލް އެންމެ ފަހުން ތަށި ހޯދީ 2005 ވަނަ އަހަރު އިސްތަންބޫލްގައި ވަރުގަދަ އޭސީމިލާން ބަލިކޮށްގެންނެވެ. އެފަހަރުގެ ތަށި އުފުލާލަދިން ކެޕްޓަން ސްޓީވަން ޖެރާޑާއި ލިވަޕޫލަށް ތަށި ހޯދައިދިން ހުރިހާ ކުޅުންތެރިން ޓީމަށް އެހީވާން ކުރެވޭނެ ހަމައެކަނި ކަމަކީ ކުޅިބަލަން ދަނޑުގައިތިބުމެވެ. މީގެ ތެރޭގައި ރެއާލް މެޑްރިޑަށް ކުޅުނު ލިވަޕޫލްގެ ލެޖެންޑުން ތިބީ ހަނުހިމޭނުންނެވެ.
މައިކަލް އޮވެން އާއި ޒަބީ އަލޮންސޯ ބުނަނީ އެމީހުންނަށް މޮޅުވާނީ ކޮން ޓީމެއްކަން ބުނަން ނޭނގޭހާ ދެ ޓީމު ވެސް މޮޅުކަމަށެވެ. އެކަމަކު ކުޅިފަސް ލިބޭނީ ކޮން ބަޔަކަށްބާ؟