ޚަބަރު

ފެންހޮޅިއަކަށް ގެއްލުންވެ މާލޭ ތިން ސަރަހައްދަކުން ފެން ކެނޑިއްޖެ


"މާލޭ ރިންގް ރޯޑް" މަސައްކަތް ކުރަމުންދާ ފަރާތުން މަގު ކޮންނަމުންދަނިކޮށް އެމްޑަބްލިއު އެސްސީގެ ފެން ހޮޅިއަކަށް ބޮޑެތި ގެއްލުންތަކެއްވެ މާލޭގެ 3 ސަރަޙައްދަކުން ފެން ކެނޑިއްޖެއެވެ.

އެމްޑަބްލިއު އެސްސީން ނެރުނު ނޫސްބަޔާނެއްގައިވަނީ މިކަމުގެ ސަބަބުން މިރޭ 21:30 އިން ފެށިގެން މާލޭގެ ބައެއް ސަރަޙައްދުތަކުންވަނީ ފެނުގެ ޙިދުމަތް މެދުކެނޑިފައިކަމަށެވެ. މިގޮތުން ފެނުގެ ޙިދުމަތް މެދުކެނޑިފައިވަނީ 25 ނަންބަރު ބްލޮކާއި 54 ނަންބަރު ބްލޮކުގެ އިތުރުން 55 ނަންބަރު ބްލޮކް ހިމެނޭ ސަރަޙައްދުންކަމަށް އެކުންފުނިން ބުނެއެވެ.

މިމައްސަލަ ޙައްލުކުރުމައްޓަކައި އެކުންފުނީގެ ޓެކްނިކަލް ޓީމްއިން އެސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންކަމަށާ، މިމައްސަލަ ކުރިޔަށް އޮތް 3 ގަޑިއިރުގެތެރޭގައި ޙައްލުކުރެވި ފެނުގެ ޚިދުމަތް އަލުން ގުޅައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއު އެސްސީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭކަމަށްވެސް އެކުންފުނީގެ ބަޔާނުގައި ވެއެވެ.